Search Streamline Icon: https://streamlinehq.com

ދިވެހިރާއްޖޭގެ އަޑުގެ ކުރު ވާހަކަ މުބާރާތާއި ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

Screenshot 2025 09 18 212943

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ދަށުން ހިންގާ ރޭޑިޔޯ ޗެނަލް، ދިވެހިރާއްޖޭގެ އަޑުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކުރު ވާހަކަ މުބާރާތާއި ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ދެ މުބާރާތުގެ ރިކޯޑިންތައް ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިވެހިރާއްޖޭގެ އަޑުން ވިދާޅުވީ، މުބާރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. ކުރު ވާހަކަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ޕީއެސްއެމްގެ ވެބްސައިޓުގައިވާ ފޯމު ފުރިހަމަކުރުމަށްފަހު ހުށައަޅަން ޖެހޭނެއެވެ. ޤުރުއާން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުދިން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ނަން ނޯޓުކުރަން ޖެހޭނެ ކަމަށްވެސް ދިވެހިރާއްޖޭގެ އަޑުން މަޢުލޫމާތު ދެއްވިއެވެ.

ކުޑަކުދިންގެ ޤުރުއާން މުބާރާތް:

މި މުބާރާތަކީ، ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖައްސައި، ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކުރުމުގެ މުހިންމު މަޤުޞަދެއްގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ، 5 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށެވެ. ޤުރުއާން މުބާރާތުގެ ޕްރޮޑިއުސަރ ޢާއިޝަތު ރިޒްމީ ވިދާޅުވީ، ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ކުދިން މި މުބާރާތުގައި ބައިވެރިވާ ކަމަށާއި ޓީވީއާއި ރޭޑިޔޯއިން ގެނެސްދޭނެ ކަމަށެވެ.

ކުރު ވާހަކަ މުބާރާތް:

ކުރު ވާހަކަ މުބާރާތުގެ މައިގަނޑު މަޤުޞަދަކީ، ދިވެހިބަހުގެ ކިޔުންތެރިކަމާއި ހުށަހެޅުންތެރިކަމުގެ ފަންނު ދިރުވައި އާލާކޮށް، އެ ފަންނާ މެދު މީހުން ޝައުޤުވެރި ކުރުވުމެވެ. މީގެ އިތުރުން އަދަބީ ގޮތުންނާއި، ފިކުރީ ގޮތުން ފެންވަރު ރަނގަޅު އުފެއްދުންތަކަށް މަގުފަހިކޮށް، އެފަދަ އުފެއްދުންތަކުގެ ޒަރިއްޔާއިން މުޖުތަމަޢަށް ރަނގަޅު މެސެޖުތަކެއް ފޯރުކޮށްދިނުމަކީވެސް މި މުބާރާތުގެ އެންމެ ބޮޑު އެއް މަޤުޞަދެވެ. މި މުބާރާތުގައި ލިޔުންތެރިއެއް އަދި ކިޔުންތެރިއެއްގެ ގޮތުގައިވެސް ބައިވެރިވެވޭނެއެވެ. 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް ދިވެހިރާއްޖޭގެ އަޑުން ވިދާޅުވިއެވެ.

މި މުބާރާތްތަކަކީ ދިވެހިބަހާއި އަދަބިއްޔާތަށް އިސްކަންދީ، އަދި ކީރިތި ޤުރުއާނާ މުނާސަބަތު ބަދަހިކުރުމަށް ދިވެހިރާއްޖޭގެ އަޑުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކެކެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *