Search Streamline Icon: https://streamlinehq.com

ޔޫތު ތާރޑް ސްޕޭސް، ”ޒުވާނުންގެ ވެހި“ ރަސްމީކޮށް ހުޅުވައިދެއްވައިފި

G6mxqqzacaczujo 750x375

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒުވާނުންނަށް ޚާއްސަކޮށްގެން ސަރުކާރުން ޤާއިމުކުރި ޔޫތު ތާރޑް ސްޕޭސް، ”ޒުވާނުންގެ ވެހި“ ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މި ތަން ޤާއިމުކުރެވުނީ ޒުވާނުންގެ ހުނަރުތައް ތަރައްޤީކޮށް، އެކި ކަހަލަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ ޖާގަ ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، މުލިއާގެ ގަރާޖުގެ ގޮތުގައި ކުރިން ބޭނުންކުރަމުން ދިޔަ އިމާރާތާއި ގޯތީގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަޙީދާއި، ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

”ޒުވާނުންގެ ވެހި“ އަކީ ޒުވާނުން ބާރުވެރިކޮށް، އެކި ހުނަރުތައް ތަރައްޤީކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށްގެންދެވޭނެ ތަނެކެވެ. މިތަނުގައި ކްލޭ ސްޓޫޑިއޯ، އާޓް އެގްޒިބިޝަން، ކަސަބު، ޖުވެލަރީ، އޭ.އައި އެންޑް ރޮބޮޓިކްސް ސްޓޯލްތަކާއި އެހެނިހެންވެސް ތަފާތު ސްޓޯލްތައް ހިމެނެއެވެ. ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، މިތަން ފަރުމާކޮށްފައިވަނީ ޒުވާނުންނަށް ބޭނުންވާ ތަފާތު ހުނަރުވެރި ޕްރޮގްރާމްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގާނެ، އަދި ދުޅަހެޔޮ ސިއްހީ އަދި ނަފްސާނީ ގޮތުން ހިތްހަމަޖެހޭ މާހައުލެއް ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން، ޒުވާނުންނަށް ދިމާވާ ތަފާތު މައްސަލަތަކުގައި ޔޫތު ކައުންސެލިންގ އަދި ވެލްބީންގ ހިދުމަތްތައްވެސް އެއްފުރާޅެއްގެ ދަށުން މިތަނުން ލިބޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދަ ތަންތަނަކީ ޒުވާނުންގެ އީޖާދީ ވިސްނުންތައް ހަޤީގަތަކަށް ހަދައި، އެމީހުން ބާރުވެރިކުރުވުމަށް މުހިންމު މަންސައެއްގެ ގޮތުގައި ހައްދަވާނެ ކަމަށް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިތަނުގައި ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ އަދި ކަލިނަރީ އިވެންޓްތައް ފަދަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވެއެވެ.

”ޒުވާނުންގެ ވެހި“ ޑިޒައިންކުރުމަށް ހުށަހަޅާފައިވަނީ ޒުވާނުންނަށް އުނގެނުމާއި، ހުނަރު ދަސްކުރުމާއި، ގުޅުން ބަދަހިކުރުމަށް މަގުފަހިކުރެވޭނެ ގޮތަށް، ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ. މި ކޮންސެޕްޓުގައި ރާއްޖެއަށް ޚާއްޞަ ކާބޯތަކެތި ވިއްކުމާއި، ކުދި އަދި މެދުފަންތީގެ ކާބޯތަކެތި ވިއްކާ ފަރާތްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމަށް ކެފެޓޭރިއާއެއްވެސް ހިމެނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *