Search Streamline Icon: https://streamlinehq.com

ބްރެޒިލްގެ ކޮޕް30 ސަމިޓްގައި އަލިފާނުގެ ހާދިސާއެއް، މަޝްވަރާތަކަށް ހުއްޓުމެއް

Cop30 Fire

ބްރެޒިލްގެ ބެލެމްގައި ކުރިއަށްދާ އ.ދ.ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮޕް30 ސަމިޓް ބޭއްވުމަށް ހަމަޖައްސާފައިވާ ތަނުގެ ތެރޭގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި، މަޝްވަރާތައް ހުއްޓިއްޖެއެވެ.

މަޝްވަރާތައް ނިމުމުގެ ކައިރީގައި ވަނިކޮށް ހިނގި އެ ހާދިސާއާ ގުޅިގެން ސަމިޓްގެ ކަންކަމަށް ވަނީ ހުއްޓުމެއް އައިސްފައެވެ.

ކޮންފަރެންސް އިންތިޒާމުކުރާ ބްރެޒިލްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، އަލިފާން ނިއްވުމުގެ މަސައްކަތް ކުރާ ފަރާތްތަކާއި ސަލާމަތީ ފަރާތްތަކުން އަދިވެސް ހާލަތު ބަލަމުންދާ ކަމަށް ވެއެވެ. މި ހާދިސާ ހިނގީ މަޝްވަރާތައް ހުއްޓުމަކަށް ގެނެސް، މޫސުމީ ބަދަލުތަކަށް ހައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މަސައްކަތްތައް ހަރުދަނާކުރުމުގެ އެއްބަސްވުމަކާ ހަމައަށް ވާސިލްވުމަށް މަޝްވަރާކުރަމުން ދަނިކޮށެވެ.

އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓެރޭސް، މީގެ ކުރިން ބުރާސްފަތި ދުވަހު ސަމިޓުން އެއްބަސްވުމަކަށް އައުމަށް ގޮވާލައްވާފައިވާއިރު، ފޮސިލް ފިއުލްސް ބޭނުންކުރުން މަޑުޖައްސާލުމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދެއްކި ވާހަކަތަކަށް މަރުހަބާ ވިދާޅުވެފައިވެއެވެ.

އޮފިޝަލުން ބުނި ގޮތުގައި އަލިފާން ރޯވީ ކޮންފަރެންސް ސެންޓަރުގެ ޕެވިލިއަން ސަރަހައްދުގައެވެ. ކައިރީގައިވާ ކޮޓަރިތަކުގައި ބައްދަލުވުންތައް ބޭއްވި ވަފުދުތައް ވަނީ ހުސްކުރެވިފައެވެ. އ.ދ. އިން ބުނީ އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށާއި ސަލާމަތީ ފަރާތްތަކުން އެތައް ހާސް ވަފުދެއް އިމާރާތުން ބޭރަށް ނެރެފައިވާ ކަމަށެވެ.

އަލިފާން ނިއްވާލެވުނު ނަމަވެސް، ފަހުން އެއްވެސް މަޝްވަރާއެއް ކުރިޔަށް ނުދެއެވެ. މި ހާދިސާއާ ގުޅިގެން، ސަމިޓްގައި ކުރިއަށްގެންދިއުމަށް ރޭވިފައިވާ ބައްދަލުވުންތަކުގެ ތަރުތީބަށް ހުއްޓުން އަރާފައިވެއެވެ.

ސަމިޓްގެ ރިޔާސަތުން މުހިންމު މަޝްވަރާ ގްރޫޕްތަކާއެކު ބައްދަލުވުންތަކެއް ބާއްވަމުން ދިޔައިރު، މެންދުރުފަހު 4:00 ގެ ކުރިން ރިޔާސަތާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ބައެއް ގްރޫޕްގެ ބައްދަލުވުން ވަނީ ކެންސަލްކުރެވިފައެވެ. އަދި ރޭގަނޑު 6:00 ގައި މިނިސްޓަރުންގެ ބައްދަލުވުމެއް ބޭއްވުމަށްފަހު 9:00 ގައި ރިޔާސަތާ ބައްދަލުކުރުމަށް އދ އިން ހަމަޖެހިފައިވީ ނަމަވެސް، އެ ތާވަލަށްވެސް ވަނީ ހުއްޓުން އެރިފައެވެ.

މަޝްވަރާތަކުގެ މި މަރުހަލާގައި ދިމާވި މި ހުރަހުގެ ސަބަބުން ބްރެޒިލްގެ ތާވަލާ އެއްގޮތަށް ކަންކަން ކުރިއަށް ނުދަނެތީ، މިރޭ ނިމުމަށް ހަމަޖެހިފައިވާ މި މަޝްވަރާތައް އިތުރު ވަގުތަކަށް ދެމިގެންދިއުމުގެ ފުރުސަތު ބޮޑެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *