އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފާސްކޮށްފައިވަނީ 74 މެންބަރުންގެ ވޯޓާއެކީގައެވެ. ބަޖެޓު ފާސްކުރަން ނުފެންނަ ކަމަށް12 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި ނަމަވެސް، ދަރަނި އަނބުރާ ދައްކަންޖެހޭ އަދަދު ނުހިމަނައި ބަޖެޓުގެ ޖުމްލަ އަދަދަކީ 55 ބިލިއަން ރުފިޔާއެވެ. މިއީ މިހާރު ހިނގާ އަހަރުގެ ބަޖެޓަށް ވުރެ ކުޑަ އަދަދެކެވެ.
ބަޖެޓް ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމް ވިދާޅުވީ، ބައެއް އިދާރާތަކުގެ ބަޖެޓު ބޮޑުކުރުމަށް ހުށަހެޅުނު ނަމަވެސް، އަންނަ އަހަރު ބޮޑެތި ހަރަދުތަކެއް ހިނގާނެތީ އެ ބަދަލު ގެނެވޭނެ ގޮތެއް ނެތް ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. ނަމަވެސް، ކޮންމެހެން ބޭނުންވާ ފައިސާ އަހަރު ތެރޭގައި ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ކޮމިޓީގައި ރައްޔިތުންގެ މަޖިލިހުގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ ބަޖެޓަށް އަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. އެ އިސްލާހުތަކަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ތާއީދުކުރެއްވުމާ އެކު ކޮމިޓީން ވަނީ އެ ހުށަހެޅުއްތައް ފާސްކޮށްފައެވެ.
ފާސްކުރެވުނު އިސްލާހުތަކުގެ ތެރޭގައި އާމްދަނީ އާއި ހިލޭ އެހީ ހޯދުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމާއި، ޓެކްސް ތަންފީޒުކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ބަޖެޓާއެކު ފާސްކުރުން ހިމެނެއެވެ. އަދި 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ސަރުކާރު އޮފީސްތަކާއި މިނިވަން މުވައްސަސާތަކުގެ ބަޖެޓަށް ގެނެވުނު ބަދަލުތައް ހިމެނުމަށް ވެސް ފާސްކުރިއެވެ. މީގެ އިތުރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ 8.3 ބިލިއަން ރުފިޔާ ފާސްކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބަޖެޓަށް އިތުރުކުރަންޖެހޭ 3.5 މިލިއަން ރުފިޔާ ހާއްސަ ބަޖެޓުން އުނިކުރުމަށް ވެސް ފާސްކުރިއެވެ.
ސައުދުﷲ ވިދާޅުވީ އިސްލާހުތަކާ ގުޅިގެން ޖުމްލަ ބަޖެޓަށް ބަދަލެއް ނާންނަ ކަމަށާއި، ނަމަވެސް ބަޖެޓު ބައިބައިކުރުމުގެ ކަންކަމަށް ބަދަލު އައިސްފައިވާތީ އެގޮތަށް ފާސްކުރި ކަމަށެވެ. އަދި އިމާރާތާއި ބިމު ކުލީގެ ގޮތުގައި ހިމަނާފައިވާ 178.3 ބިލިއަން ރުފިޔާގެ ހަރަދު ކުޑަކުރުމަށް ސަރުކާރުގެ އިތުރު އޮފީސް އިމާރާތުގެ މަސައްކަތް އަވަސްކުރުމަށް ވެސް ހުށަހެޅުއްވިއެވެ.
އެހެންކަމުން ސަރުކާރުން އަންނަ އަހަރަށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.
މި ބަޖެޓުގައި އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 40.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ (މުޅި ބަޖެޓުގެ 62 އިންސައްތަ) ކަނޑައަޅާފައިވާއިރު، މިއީ މި އަހަރަށް ވުރެ 3.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާ ކަމަށް ބަޖެޓުގައި އޮތްއިރު، އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 8.8 ބިލިއަން ރުފިޔާއެވެ.









