ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ، މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި، ގާނޫނާ ހިލާފަށް ފަނޑިޔާރު ފާއިޒް އަމަލުކޮށްފައިވާކަން ތަހުގީގަށް ސާބިތުވުމާ ގުޅިގެންނެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، ގާޒީ ފާއިޒް ރަޝާދުގެ އަމަލުތައް ދިރާސާކުރުމަށް އެކުލަވާލެވުނު ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވަނީ، އޭނާ ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަމަލުކޮށްފައި ކަމަށެވެ. އެގޮތުން، ގާޒީ ފާއިޒްގެ މި އަމަލަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 އާއި، 2.1 އާއި، 3.1 ގައި ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތް ނޫން އަމަލެއް ކަމަށް ޖޭއެސްސީން ފާހަގަކުރެއެވެ. މި މާއްދާތަކުން ގާޒީންގެ ސުލޫކާއި ގާނޫނީ ވާޖިބުތަކަށް އަލި އަޅުވާލައެވެ.
މި ނިންމުން ޖޭއެސްސީން ނިންމާފައިވަނީ މިއަދު ބޭއްވި، އެ ކޮމިޝަންގެ މި އަހަރުގެ 46 ވަނަ ޖަލްސާގައެވެ. ޖޭއެސްސީން މިފަދަ ހުށަހެޅުމެއް މަޖިލީހަށް ހުށަހެޅުމުން، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކުން އެ މައްސަލަ ދިރާސާކޮށް ރިޕޯޓެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ. ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވަނީ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ.









