ކައުންސިލަރުންގެ އަދަދު މަދުކުރުމަށާއި، އަތޮޅު ކައުންސިލްތައް އުވާލައި، ރަށާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ޤާނޫނުތަކަށް ހުށަހެޅި އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ބިލުތައް ފާސްކުރެވުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ގެނެވުނު އިސްލާޙުތަކެކެވެ.
މިގޮތަށް ފާސްކުރެވުނީ، މަޖިލީހުން މި ބިލުތައް ދިރާސާކުރުމަށް އެކުލަވައިލި ވަގުތީ ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމަށްފަހުއެވެ. ބިލުގެ ދިރާސާ މަރުހަލާގައި
ބިލު ދިރާސާކުރުމުގެ މަރުހަލާގައި ކޮމިޓީން ވަނީ އިތުރު އިސްލާޙުތަކެއް ގެނެސްފައެވެ. އެގޮތުން މާލެ ސިޓީއާއި، ފުވައްމުލައް ސިޓީ ފިޔަވައި އެހެން ސިޓީތަކުގައި، އާބާދީ 10،000 އާއި 25،000 ދެމެދުގެ އަދަދެއްނަމަ މޭޔަރު ހިމެނޭހެން 7 ކައުންސިލަރުން، އާބާދީ 25،000 އާއި 50،000 އާ ދެމެދު ނަމަ މޭޔަރު ހިމެނޭހެން 11 ކައުންސިލަރުން އަދި 50،000 އަށްވުރެ އިތުރުނަމަ މޭޔަރު ހިމެނޭހެން 15 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހުށަހަޅާފައެވެ. ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކަނޑައަޅާނީ، ހުރިހާ ދާއިރާއެއް ހަމަހަމަވާ ގޮތަށް ދައުރުވާ އުސޫލެއްގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުސޫލަކުންނެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީތަކާ ގުޅުންހުރި އިސްލާޙުތަކެއްވެސް ކޮމިޓީން ހުށަހެޅިއެވެ. އެގޮތުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށް އިންތިޚާބުވާ ކައުންސިލަރަކު އެ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެއެވެ. އަދި އަމިއްލަގޮތުން ވާދަކޮށް އިންތިޚާބުވާ ކައުންސިލަރަކު ޕާޓީއަކާ ގުޅިއްޖެނަމަ ގޮނޑި ގެއްލޭގޮތަށްވެސް އިސްލާޙު ވަނީ ހުށަހަޅާފައެވެ.
ކޮމިޓީގައި ހުށަހެޅުއްވި މި އިސްލާޙުތަކާއެކު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ 54 މެންބަރުންގެ ވޯޓުންނެވެ. ކައުންސިލަރުންގެ އަދަދާ ގުޅޭ ގޮތުން ޤާނޫނުތަކަށް އިސްލާހު ގެންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ.
މި އިސްލާޙުތަކުގެ ދަށުން ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނުގައި އަތޮޅު ކައުންސިލްތަކާ ގުޅޭގޮތުން ހުރި ހުރިހާ ބައިތައް އުނިކުރުމަށް ވަނީ ހުށަހަޅާފައެވެ. މި ބިލު ފާސްކުރުމަށް ވަގުތީ ކޮމިޓީން ނިންމީ، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނަށް ގެނެވުނު އިސްލާޙުގެ ދަށުން، 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ، ކައުންސިލް ރައީސް ހިމެނޭހެން 3 ކައުންސިލަރުންނެވެ. އަދި އެއަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ރަށްރަށުގެ ކައުންސިލްތަކަށް އައްޔަން ކުރާނީ ކައުންސިލް ރައީސް ހިމެނޭހެން 5 ކައުންސިލަރުން ކަމަށް ބަޔާންކޮށްފައިވެއެވެ. މިހާރުގެ ޤާނޫނުގައިވާ ގޮތުން ކޮންމެ ރަށު ކައުންސިލެއްގައިވެސް 5 މެންބަރުން ތިއްބަވާނެއެވެ.
އަންހެނުންނަށް ޚާއްސަ ގޮނޑިތަކަށް ބަލާއިރު، 3 ކައުންސިލަރުން އިންތިޚާބު ކުރާ ރަށު ކައުންސިލްތަކުގައި އެއް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަންޖެހޭނެއެވެ. 5 ކައުންސިލަރުން އިންތިޚާބު ކުރާ ކައުންސިލްތަކުގައި މިހާރުވެސް އަމަލުކުރާ ގޮތަށް 2 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަންޖެހޭނެއެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް (ޑަބްލިޔު.ޑީ.ސީ) އަށްވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ކޮމިޓީ މެންބަރުން ތިބެންވާނީ ކައުންސިލަރުންގެ އަދަދަށް ކަމަށާއި، އަންހެނުންގެ ކޮމިޓީގެ ރައީސް އިންތިޚާބު ކުރާނީ ކައުންސިލް ރައީސް އިންތިޚާބު ކުރާ ގޮތަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ކޮމިޓީގެ ރައީސްގެ މަގާމަކީ، ފުލްޓައިމް މަޤާމެއް ކަމަށްވެސް ވަނީ ހުށަހަޅާފައެވެ.









