Search Streamline Icon: https://streamlinehq.com

މި ސަރުކާރުން ދިވެހީންގެ ވިޔަފާރިތައް ބާރުވެރި ކުރުވައި، ދިވެހީންގެ ތިޔާގިކަމަށް އިސްކަން ދޭނަން: ސައީދު

TVM RM

މި ސަރުކާރުން، ރައްޔިތުންގެ މި ކަންބޮޑުވުމަށް އިރާދަކުރެއްވިއްޔާ ޙައްލު ގެނަސްދީ، ދިވެހީންގެ ވިޔަފާރިތައް ބާރުވެރި ކުރުވައި، ދިވެހީންގެ ތިޔާގިކަމަށް އިސްކަން ދޭނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޤާނޫނާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އެދި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިގޮތުން މިނިސްޓަރ ވިދާޅުވީ މިފަދަ ވިޔަފާރި ރިޕޯޓްކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ، ރައްޔިތުން ނުހަނު ކަންބޮޑުވާ މި ޒަމާންވީ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތަށް ލިބުނު އިތުރު ބާރެއް ކަމަށެވެ.

”އިރާދަކުރެއްވިއްޔާ، އަންނަ ހަފުތާއިން ފެށިގެން މިމަސައްކަތް ހަލުއިކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެމުންދާތަން ފެންނާނެ“، މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން 1979 ގައި ހެދިފައި އޮތް ފޮރިން އިންވެސްޓްމަންޓް ޤާނޫނު، 46 އަހަރަށް ފަހު ނިމުމަކަށް ގެނެސް، މިޒަމާނަށް ފެތޭ، އަދި މާޒީގައި ކުރެވިފައިވާ އެކި ތަޖުރިބާތަކުގެ އަލީގައި އޭރުއްސުރެ ކުރިމަތިވަމުން އައި މައްސަލަތައް ޙައްލުކުރެވޭނެ ހަރުދަނާ ޤާނޫނެއް މުޅީން އަލަށް އެކުލަވާލައި، ފާސްކޮށް، ގެޒެޓުކުރެވި ޢަމަލުކުރަން ފެށިފައިވުމަކީ، ބިދޭސީން ނުގަވާއިދުން ރާއްޖޭގައި ހިންގާ ވިޔަފާރިތައް ހުއްޓުވައި، ފުރިހަމަ ބާރުވެރިކަމާއެކު ފިޔަވަޅުތައް ތަންފީޒުކުރުމަށް މި ސަރުކާރުން ފަހިކުރި ފުރުސަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މިކަމުގައި ތަންފީޒީ އިދާރާތަކާއި، ވަކީން ޚާއްސަކޮށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކޮނޮލޮޖީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ.

”ނުގަވާއިދުން ވިޔަފާރިކުރާ އެކަކަށްވެސް ފުރުޞަތު ނުދިނުމަށް، އަދި ދިވެއްސެއްގެ ނިވަލުގައި ފިލައިހުރެ އަމިއްލަ ވިޔަފާރި ހިންގާ އެއްވެސް ބިދޭސީއަކަށް ޖާގަ ނުދިނުމަށް އަޅުގަނޑުމެން އެންމެން އެއްރޫޙެއްގައި އެއްބާރުލައިގެން“، މިނިސްޓަރ ވިދާޅުވިއެވެ.

އަދި ބިދޭސީން ނުގަވާއިދުން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުން ފަސޭހަކޮށް، އެކަމަށް ޚާއްޞަކުރި ލިންކެއް ވަނީ ދެއްވާފައެވެ. މިފަދަ ކޮންމެ ކަންބޮޑުވުމެއް ޙައްލުކުރާނީ ސަރުކާރާއި ރައްޔިތުން ގުޅިގެން ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *