ފަލަސްޠީނަށް އ.ދ.ގެ ފުރިހަމަ މެމްބަރުކަން ދޭންޖެހޭކަމަށާއި، ފަލަސްޠީނުގެ ސިޔާދަތާއި އިޤްތިޞާދީ ކުރިއެރުމަކީ، އެއްވެސް ޝަރުތެއް ނެތި ކަށަވަރުކޮށްދޭން ޖެހޭ ކަންތައްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދުމު ޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވުވީ ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެސްގައި ދެއްވި މެސެޖެއްގައެވެ.

މި މެސެޖުގައި ރައީސް ވަނީ ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަމުންދާއިރު، މި އެއްބައިވަންތަކަން ޙަޤީޤީ އަދި މާނަވީ ޢަމަލުތަކަކަށް ބަދަލުކުރުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވައިފައެވެ.

1982 ވަނަ އަހަރުން ފަށައިގެން ދިވެހިރާއްޖޭގައި މިދުވަސް ފާހަގަކުރަމުން އައި ނަމަވެސް، މިއަދު މި މުނާސަބާ ވަށާލެވިފައިވަނީ ހިތާމައިގެ އަސަރުތަކުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ. އިޒްރޭލުގެ އަނިޔާވެރިކަމާއި، އާބާދު ފުޅާކުރުމުގެ ޣައިރުޤާނޫނީ ޖަރީމާ ކުށްވެރިކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހަނގުރާމަ ހުއްޓާލުމުގެ ނާޒުކު ހާލަތު ދޭހަކޮށްދެނީ ހަމަނުޖެހުންތަކަށް ކުރު މުއްދަތެއްގެ މެދުކެނޑުމަކުން ދާއިމީ ރައްކާތެރިކަމެއް ނުދެވޭނެކަން ކަމުގައި ފާހަގަކުރައްވާފައެވެ.

ފަލަސްޠީނުގެ ބިމުގައި އެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް އަލިއަޅުއްވާލައްވަމުން، ފުރާނަ ގެއްލިދިއުމާއި ގެދޮރު ސުންނާފަތިވެދިއުމުގެ ނުތަނަވަސްކަމަކީ، ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ކުރިމަތިލާ ތަކުލީފުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސިފަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޞުލްޙަވެރިކަމަކީ ހަމައެކަނި ހަމަނުޖެހުންތައް ނެތިގެން ދިއުމެއް ނޫން. އެއީ ޢަދުލު އިންޞާފު ޤާއިމުކުރުން އަދި ކަރާމާތާއި ޢަބުރުވެރިކަން ކަށަވަރުކުރުމުގައި އެއްވެސް ބަޔަކު އެކަހެރިކުރެވިގެން ނުވާނެ.

1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާއެކު، އިރުމަތީ ޤުދުސްއަކީ ވެރިރަށުގެ ގޮތުގައި، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާގެ މިމެސެޖުގައިވެސް ތަކުރާރުކުރެއްވިއެވެ. އަދި ފަލަސްޠީނަށް އ.ދ.ގެ ފުރިހަމަ މެމްބަ.ރުކަން ދޭންޖެހޭކަމަށާއި، ފަލަސްޠީނުގެ ސިޔާދަތާއި އިޤްތިޞާދީ ކުރިއެރުމަކީ، އެއްވެސް ޝަރުތެއް ނެތި ކަށަވަރުކޮށްދޭން ޖެހޭ ކަންތައްތަކެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުގައި މި ޝުޢޫރު ތަކުރާރުކުރައްވަމުން އެމަނިކުފާނު ވަނީ، ފަލަސްޠީނުގެ މައްސަލައަކީ ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން އެންމެން ގުޅިގެން ހައްލު ހޯދައިދޭންޖެހޭ ކަމެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދެކޭކަމުގައި ވިދާޅުވެފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ ނޮވެމްބަރު މަހެއްގެ 29 ވަނަ ދުވަހެވެ.

ރާއްޖެއަކީ ދުނިޔޭގެނިސްބަތުން ކުޑަ ޤައުމެއް ކަމުގައި ވީނަމަވެސް ފަލަސްތީންގެ ހައްޤުގައި ރާއްޖެއިން އަންނަނީ ދުނިޔޭގެ ނުފޫޒު ގަދަ ބޮޑެތި ޤައުމުތަކުން ނަގަން ޖެހިލުންވާފަދަ ފިޔަވަޅުތައް ނަގަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢީއްޒުގެ  ވެރިކަމުގައި އިސްރާޢީލްގެ ޕާސްޕޯޓް ބޭން ކޮށް، ދުނިޔޭގެ އެހެން ޤައުމުތަކަށް ނަމޫނާ ވަނީ ދައްކަވާފައެވެ.