Search Streamline Icon: https://streamlinehq.com

އަނބިކަނބަލުން ކުރެއްވި ހުކުމަކާއި ގުޅިގެން ގާޒީ ފައިސަލްގެ އެކައުންޓަށް ފައިސާ ޖަމާކުރި

429798 3 309358c7607a51ec82ec4e29b83c2c6e45b3d6fe large 876x566

ހައިކޯޓުގެ ފަނޑިޔާރުކަމުން މިދިޔަ ހަފްތާގައި އިސްތިއުފާދެއްވި މުހައްމަދު ފައިސަލްގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުތަކެއް ކޮށްފައިވާއިރު، އަނބިކަނބަލުން ސިވިލް ކޯޓުގެ ގާޒީ އާއިޝަތު އަޒްފާ އަބްދުލްޣަފޫރު ހުކުމެއް ކުރެއްވި ދުވަހު ފައިސަލްގެ އެކައުންޓަށް ވަކީލަކު ފައިސާ ޓްރާންސްފާ ކުރުމާއި ގުޅިގެންކަން ހާމަވެއްޖެއެވެ.

ފައިސަލުގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ބަލަމުން ދަނިކޮށް ފައިސަލް ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފައެވެ. އަދި އަނބިކަނބަލުންނާއެކު ފައިސަލް ދާދި ފަހުން ޔޫރަޕަށް ކުރެއްވި ދަތުރުފުޅާއި މި މައްސަލައާ ގުޅުވައިގެން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ފައިސަލުގެ އަނބިކަނބަލުން ސިވިލް ކޯޓުގައި ކުރި ހުކުމަކާ ގުޅުން ހުރި ފަރާތެއްގެ ވަކީލަކު ފައިސަލުގެ އެކައުންޓަށް ފައިސާ ޓްރާންސްފާކޮށްފައިވަނީ މައްސަލައަށް ނުފޫޒު ފޯރުވުމަށްކަމަށް ދަނީ ބުނަމުންނެވެ.

އެނގިފައިވާ ގޮތުގައި، ގާޒީ އަޒްފާ ނިންމެވި އެ މައްސަލައަކީ ސިޔާސީ ބޭފުޅެއްގެ ކޮއްކޮއެއްގެ އެޕާޓްމަންޓެއް ވިޔަފާރިވެރިއަކަށް ވިއްކުމާ ގުޅޭ މައްސަލައެކެވެ. އެ މުއާމަލާތް ނިންމީ އެޕާޓްމަންޓުގެ އަގުން ބޭންކަށް ދައްކަންޖެހޭ ބައި އެކަނި ދައްކައިގެން ކަމަށާއި، އެ މީހާގެ ފަރާތުން ފައިސާ ލިބެންޖެހޭ އެތައް ފަރާތެއް އޮތް ކަމަށް ވެސް ވަނީ ފާހަގަވެފައެވެ. މި މުއާމަލާތާ ގުޅޭ އިންޓެލެޖެންސް ރިޕޯޓެއް ފުލުހުން ވަނީ އޭސީސީއަށް ހުށަހަޅާފައެވެ.

ގާޒީ އަޒްފާގެ މި ނިންމެވުމާ ގުޅޭ މައްސަލަ މިހާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ދަނީ ބަލަމުންނެވެ. މައްސަލަ ބަލަމުންދާތީ، ގާޒީ އަޒްފާ ގާޒީ އޮފީހަށް ނުކުމެވަޑައިނުގަންނަވާތާ ހަފްތާއެއްހާ ދުވަސްވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *