Search Streamline Icon: https://streamlinehq.com

ނުރައްކާތެރިކޮށް ދުއްވާނަމަ 20 އަހަރަށް ޖަލަށް ލެވޭ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

Maldives parl

ރާއްޖޭގައި ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ 20 އަހަރާ ހަމައަށް ޖަލަށް ލެވޭގޮތަށް ހަދައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

މި ބިލު މިމަހު 27 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވަނީ، ފަހަކަށް އައިސް ރާއްޖޭގައި އެކްސިޑެންޓްތައް ގިނަވެ، އެކްސިޑެންޓްތަކުގައި މީހުން މަރުވުމާއި ބޮޑެތި އަނިޔާތައް ލިބުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ސަރުކާރުގެ ފަރާތުން، ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާމިން ހަބީބު ހުށަހެޅުއްވި މި ބިލުގައި ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. ބިލުގެ (88) ވަނަ މާއްދާގެ (ހ) ގައި ބުނާގޮތުން، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ފަރުވާކުޑަކޮށް، ނުވަތަ ނުރައްކާތެރިކޮށް ދުއްވުމަކީ ކުށެކެވެ. މިއީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުތަކުގައި ނެތް ކަމެކެވެ.

މި ބިލުގެ (88) ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން، މިފަދަ ކުށެއްގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެނަމަ، ކުށްކުރި މީހާ 20 އަހަރަށް ޖަލަށް ލެވޭނެއެވެ. މީގެ އިތުރުން:

  • އެ ކުށުގެ ސަބަބުން މީހަކަށް ބޮޑު އަނިޔާއެއް ލިބިއްޖެނަމަ، 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާންވެސް ބިލުގައި ހުށަހަޅާފައިވެއެވެ.
  • ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހަކަށް ލިބޭ އަނިޔާ އަކީ ބޮޑު އަނިޔާއަކަށް ނުވިނަމަވެސް، ކުށްކުރާ މީހާ ފަސް އަހަރު ދުވަހާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެއެވެ.

އަދި އެހެން ފަރާތަކާ އުޅަނދުގެ ކޮންޓްރޯލް ހަވާލުކުރުމުގެ ސަބަބުން ހިނގާ ހާދިސާއެއްގައި މީހަކު މަރުވެއްޖެނަމަވެސް 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ. އެ ކުށުގެ ސަބަބުން މީހަކަށް ބޮޑު އަނިޔާއެއް ލިބިއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާން ވެސް މި ބިލުގައި ހިމަނާފައިވެއެވެ. މިނޫންވެސް ގިނަ ބަދަލުތަކެއް އާ ގާނޫނު ހަދަން ހުށަހެޅުނު މި ބިލުގައި ހިމެނެއެވެ.

މިހާރު އަމަލުކުރަމުން އަންނަ ގާނޫނުތަކުގައި، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވުމަކީ ޖިނާއީ ކުށެއް ކަމަކަށް ކަނޑައަޅާފައެއް ނުވެއެވެ. އެގޮތަށް ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓެއްގައި މީހަކު މަރުވުން ނުވަތަ ބޮޑު އަނިޔާއެއްވުން ފަދަ ކަމެއް ހިނގައިފިނަމަ، ދައުވާ ކުރެވެނީ އެހެން ގާނޫނުތަކުގެ ދަށުންނެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން މިހާރު ކުރެވެނީ ހަމައެކަނި ޖުރިމަނާ އެކެވެ.

މި ބިލާ ގުޅޭގޮތުން އާންމުންގެ ހިޔާލު މިއަދުން ފެށިގެން ިސެމްބަރު 17 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީގެ އީމެއިލްއަށް ލިޔުމުން ފޮނުވައިދެއްވުމަށް ވަނީ އަންގާފައެވެ. މި ބިލުގެ މަގުސަދަކީ އެކްސިޑެންޓްތައް މަދުކޮށް، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމެވެ.

Leave a Reply

Your email address will not be published. Required fields are marked *