ޑްރަގް އެތެރެކުރާ މީހުން އުމުރުދުވަހު ޖަލުގައި ބޭތިއްބުމަށާއި އެމީހުންނަށް މަރުގެ އަދަދބުދީ މަސްތުވާތަކެތި ވިއްކައިގެން ހޯދާ މުދާ ދައުލަތަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މިއަދު އިސްލާހުތަކެއް ފާސްކޮށްފިއެވެ.
މި އިސްލާހުގެ މައިގަނޑު ބަދަލަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ހެދުމެވެ. މި ބިލު ފާސްވީ 65 މެންބަރުންގެ ވޯޓާއެކުއެވެ.
މަރުގެ އަދަބު ދެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވެ، އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މިގޮތުން، 350 ގްރާމަށް ވުރެ ގިނަ ކެނަބިސް، ނުވަތަ 250 ގްރާމަށް ވުރެ ގިނަ ޑައިމޯފިން، ނުވަތަ ޖަދުވަލު1 ގައިވާ އެހެން މަސްތުވާތަކެއްޗާ ގުޅޭގޮތުން 100 ގްރާމަށް ވުރެ ގިނަ މިންވަރެއް އެތެރެކޮށްފައިވާނަމައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިއްތިފާގު ނުވާ ހާލަތެއްގައި އުމުރަށް ޖަލަށްލުމާއި 100,000ރ. އާއި 10,000,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަންޖެހެއެވެ.
އިސްލާހުތަކުގެ ތެރޭގައި ”އުމުރަށް ޖަލަށްލުން“ މި ބަހުގެ މާނަވެސް ބަދަލުކޮށްފައިވެއެވެ. ކުރިން 25 އަހަރު ކަމުގައި ހިމެނުނު ނަމަވެސް، މިހާރު އެއީ ޕެރޯލް ނުވަތަ މާފު ނުލިބޭގޮތަށް މަރުވަންދެން ޖަލުގައި ހުންނަން ޖެހުމެވެ. މަރުގެ އަދަބު ނުވަތަ އުމުރަށް ޖަލަށްލުމުގެ އަދަބު ކަނޑައަޅާ ކުށްތަކަށް އެއްވެސް ގޮތަކަށް މާފެއް ނުވަތަ ލުޔެއް ނުދެވޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ މައްސަލަތަކުގައި ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ވެގެން ނުވާނެ ކަމަށްވެސް ކަނޑައަޅާފައިވެއެވެ.
ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހެޅުއްވި މި ބިލުގެ މަޤްސަދަކީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމާއި، ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމުގެ އިތުރުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމެވެ









