Search Streamline Icon: https://streamlinehq.com

އިދިކޮޅު މެންބަރުންގެ ތާއީދާއެކު ޖަޕާނުގެ ސަފީރަކަށް މަހްލޫފް އައްޔަން ކުރަން ރުހުންދީފި

Photo 6197331199458920128 y

އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ބޮޑު ތާއީދާއެކު، ޖަޕާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

މި މަގާމަށް މަހުލޫފް އައްޔަންކުރުމަށް ރުހުން ދިނުމަށް 60 މެންބަރުން ވޯޓު ދެއްވިއެވެ.

މަހުލޫފް ޖަޕާނަށް ސަފީރަކަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. މި މައްސަލަ ރިޔާސަތުން ވަގުތުން ފޮނުއްވީ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށެވެ.

ހާރިޖީ ކޮމިޓީއިން މި މައްސަލަ ދިރާސާކުރުމަށްފަހު، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ކޮމިޓީގެ ރިޕޯޓު ހުށަހަޅާފައެވެ. ކޮމިޓީއިންވެސް ނިންމާފައިވަނީ މަހްލޫފް މި މަގާމަށް އައްޔަންކުރުމަށް ރުހުން ދިނުމަށެވެ. މިއަދު މަޖިލީހުގެ ތަޅުމުން ފާސްކުރިއިރު، އެމްޑީޕީގެ މެންބަރުންގެ ފަރާތުން ބޮޑު ތާއީދެއް ވަނީ ލިބިފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި މަހުލޫފަކީ 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގައި މަޖިލީސް މެންބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ. ސިޔާސީ ގޮތުން މަހުލޫފް މީގެ ކުރިން އުޅުއްވީ އެމްޑީޕީގައެވެ. ނަމަވެސް، މިދިޔަ ސެޕްޓެމްބަރު މަހު އެ ޕާޓީއިން ވަކިވެވަޑައިގެން، މި މަހުގެ ތެރޭގައި ވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *