Search Streamline Icon: https://streamlinehq.com

ރައީސް މާދަމާ ރޭ މާފަންނު ރައްޔިތުންނާއި ބައްދަލުކުރައްވަނީ

446587 b16dfea6 e

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާދަމާ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

މި ބައްދަލުވުން އޮންނާނީ އަމީނިއްޔާ ސްކޫލްގައި، ރޭގަނޑު 8:30 ގައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒު އިއުލާންކުރައްވާފައިވާ ގޮތުގެ މަތިން، މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

މާލޭގެ ވަކިވަކި އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަވަން ނިންމެވިކަން ރައީސް ޑރ. މުއިއްޒު އިއުލާންކުރެއްވީ ސަރުކާރަށް ދެ އަހަރުވީ ދުވަސް ކަމަށްވާ މި މަހުގެ 17 ގައެވެ. މި ސިލްސިލާގެ ތެރެއިން ރައީސް ވަނީ މިހާތަނަށް ވިލިމާޅެ އަދި މައްޗަންގޯޅީގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. މާފަންނު ރައްޔިތުންނަށް މި ބައްދަލުވުމަށް ދައުވަތު އަރުވާ ކަމަށް ވެސް ހީނާ ވަލީދު ވިދާޅުވިއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާ ކުރެއްވުމަށް، މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުންތަކަކީ ވެސް ރައްޔިތުންނާ ގާތުން ގުޅުން ބަދަހިކޮށް، ސީދާ އެމީހުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް އޮޅުންފިލުވުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ ކަންކަމެވެ.

މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި، އަންހެނުންނާއި ޒުވާނުން އިސްވެ ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށް ވެސް ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *