Search Streamline Icon: https://streamlinehq.com

ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފި

592867420 1163101222676271 596271615597486818 n

ޤަވާއިދާ ޚިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދުކޮށްފިއެވެ.

މިކަން ހާމަވެފައިވަނީ، ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތަކާއި ދެކޮޅަށް ސަރުކާރުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިންނެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި، ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓާއި ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ 6 ތަނެއް ވަނީ ބަލައިފާސްކޮށްފައެވެ. މިތަންތަނުގެ ތެރެއިން ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ އެއް ތަން ވަގުތުން ބަންދުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް، މި ހާދިސާ ހިނގި ވަކި ތަނެއްގެ ނުވަތަ ވަގުތެއްގެ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި އޮޕަރޭޝަންތަކަކީ، ރާއްޖޭގައި ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ހިންގާ ކަންކަމެވެ. އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ، ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް އާންމުންނަށް ގޮވާލާފައެވެ.

މި އިޢުލާނާ ގުޅިގެން ލިބުނު ތާއީދު ފާހަގަކުރެވޭ ކަމަށާއި، ރާއްޖޭގައި ބިދޭސީން ޤަވާޢިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އިޢުލާނު ކުރިތާ ފުރަތަމަ 41 ގަޑިއިރުތެރޭ، ބިދޭސީން ޤަވާޢިދާ ޚިލާފަށް ހިންގާ ކަމަށް ފާހަގަ ކުރެވޭ 29 ވިޔަފާރިއެއްގެ ރިޕޯޓު އާންމު އެކި ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމުގެ އިތުރުން، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން، ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ރާއްޖެއިން ވަނީ ފޮނުވާލާފައެވެ. މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތްތަނުގައިވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ވަކިން ހާއްސަކޮށް އާބާދީ ބޮޑެތި ރަށްރަށުގައި ހިންގާ މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި، އެ ތަންތަން ބަންދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވިޔަފާރިތައް ހިންގާ ބިދޭސީން ޑީޕޯޓް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ރަސްމީކޮށް ހިންގުމަށް މިހާތަނަށް 209 ފަރާތަކަށް ސަރުކާރުން ވަނީ ލައިސަންސް ދޫކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *