ޖަނަވާރު ގެންގުޅުމުގައާއި، އެތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިހުމާލުވާ ފަރާތްތަކާމެދު ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަށް މަގުފަހިކުރާ، ބިލު ނަންބަރު 2025/23، ”ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު“ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލު ތަސްދީޤުކުރެއްވުމާއެކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކުރައްވާފައެވެ.
މި ބިލަކީ، 19 ނޮވެންބަރު 2025 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ ތަސްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
11 ބާބުގެ މައްޗަށް އެކުލެވިގެންވާ މި ޤާނޫނުގެ މައިގަނޑު މަޤުޞަދަކީ، ދިވެހިރާއްޖޭގައި ރައްކާތެރިކަމާއެކު ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާކުރުމާއި، ވިޔަފާރިކުރުމުގެ ކަންކަން ކުރުމަށް މަގުފަހިކުރުމެވެ. މި ބިލުގައި ޖަނަވާރު ގެންގުޅުމުގައާއި ބެލެހެއްޓުމުގައާއި ޖަނަވާރުގެ ޞިއްޙަތާގުޅޭ ކަންކަމުގައި ޢަމަލުކުރަންވީ ގޮތާއި، ޖަނަވާރަށާއި ޖަނަވާރުގެ ޛަރީއާއިން އިންސާނުނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާއި ގުޅޭ އުސޫލުތައް ބަޔާންކުރައްވައިފައިވެއެވެ. އަދި ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުމާއި، އެއްތަނުން އަނެއްތަނަށް އުފުލުމާއި، ރާއްޖެއިން ބޭރަށް ޖަނަވާރު ގެންދިޔުމުގެ އުސޫލުތައްވެސް މި ޤާނޫނުގައި ހިމެނެއެވެ.
މި ޤާނޫނު އެ މައްޗަށް ހިނގާ ޖަނަވާރުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި، މި ޤާނޫނު ތަންފީޛުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު ޙަވާލުވެގެންވާ ފަރާތަކީ، ޖަނަވާރުގެ ޞިއްޙަތާގުޅޭ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު، އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ، އެބަހީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރާއެވެ. މިގޮތުން މި ޤާނޫނު ތަންފީޛުކުރުމުގެ ގޮތުން މިނިސްޓްރީގެ މަސްއޫލިއްޔަތުތަކާއި، ކައުންސިލްތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ތަފްޞީލީ ގޮތެއްގައި، މި ބިލުގައި ބަޔާންކުރައްވާފައިވެއެވެ. މީގެ އިތުރުން، ރާއްޖެއަށް ޖަނަވާރު އެތެރެކުރާ ބަނދަރުތަކުގައި ޕޯޓު ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރުމާއި، އެނިމަލް ސެންކްޗުއަރީތައް ސަރުކާރުން ގާއިމުކުރަންޖެހޭނެކަމަށްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މި ބިލުގެ ދަށުން، ރާއްޖެއަށް ޖަނަވާރު އެތެރެކުރުމަށާއި އެފަދަ ތަކެތި ގެންގުޅުމާއި، ޖަނަވާރަށް ބޭނުންވާ ކާނާއާއި ބޭސް އެތެރެކޮށް ވިޔަފާރިކުރުމަށް ހުއްދަ ނަގައި ރަޖިސްޓްރީވާން ޖެހޭނެއެވެ.
މި ޤާނޫނުގައި ޖަނަވާރުތަކާމެދު އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ވެސް ވަނީ ބަޔާންކޮށްފައެވެ. ފިޔަވަޅުތަކުގެ ތެރޭގައި ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ 10,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ހިމެނެއެވެ. އަދި، ގަވައިދާ ޚިލާފަށް ޖަނަވާރު އިމްޕޯޓުކޮށް އެކްސްޕޯޓުކޮށްފިނަމަ 5,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރެވޭނެއެވެ. ގާނޫނާ ޚިލާފަށް ޖަނަވާރު ވިއްސައި އާލާކޮށް، ގާނޫނާ ޚިލާފަށް ޖަނަވާރު ގެންގުޅެ، ސާމްޕަލް އޮޅުވާލައި، ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ކޮށްފިނަމަ 10,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
މީގެ އިތުރުން، ޖަނަވާރަށް އަނިޔާއެއް ދިނުމާއި އާންމު ތަންތަނަށް ދޫކޮށްލައިފިނަމަ 5,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. މި ގާނޫނުގައި އަދަބު ކަނޑައެޅިފައިނުވާ ކަމެއް ދިމާވެއްޖެނަމަ 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އެޅޭ ފިޔަވަޅަކާ މެދު ހިތްހަމަނުޖެހޭ ހިނދެއްގައި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތާއި އުސޫލުތައްވެސް މި ބިލުގައި ބަޔާންކުރައްވާފައިވެއެވެ.









