އަންނަ އަހަރަށް ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ބަޖެޓުގެ ފައިސާ ލިބޭނެ ހަތަރު ސިޔާސީ ޕާޓީއެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިއުލާނުކޮށްފިއެވެ.
މި ލިސްޓުން މިހާރު ވެރިކަމުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އުނިކޮށްފައިވާއިރު، އެއީ އެ ޕާޓީގެ މެންބަރުންގެ އަދަދު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 10،000 މެންބަރުންނަށްވުރެ ދަށްވެފައިވާތީއެވެ.
އީސީން ”އެކްސް“ގައި ކުރި ޕޯސްޓެއްގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުން މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓު ފާސްކުރިއިރު، އެ ދުވަހުގެ ނިޔަލަށް 10،000 މެންބަރުން ހަމަވެފައިވަނީ ހަތަރު ސިޔާސީ ޕާޓީއެއްގައެވެ. އެއީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ)، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން، އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނެ މި ހަތަރު ޕާޓީއަކީ މިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން، ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ކަމަށެވެ. މި ފައިސާގެ މިންވަރަކީ ދައުލަތުގެ ބަޖެޓުގެ 0.1 ޕަސަންޓެވެ. ފައިސާ ދޫކުރަނީ ޕާޓީތަކުގެ މެންބަރުންގެ އަދަދުގެ ނިސްބަތަށް ބަލައިގެންނެވެ. މިއަހަރު ފައިސާ ލިބުނު ފަސް ޕާޓީގެ ތެރޭގައި އަދާލަތު ޕާޓީ ހިމެނުނު ނަމަވެސް، އެ ޕާޓީގެ މެންބަރުންގެ އަދަދު މި އަހަރު މަދުވެ، ގާނޫނުގައި ބަޔާންކުރާ އަދަދަށްވުރެ ދަށްވެފައިވާތީ، އަންނަ އަހަރު އެ ޕާޓީއަށް އެއްވެސް ފައިސާއެއް ނުލިބޭނެއެވެ.
މިދިޔަ އަހަރު ފަސް ސިޔާސީ ޕާޓީއަކަށް ޖުމްލަ 28 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ތެރޭގައި އަދާލަތު ޕާޓީއަށް 1.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އީސީގެ ދަފްތަރު މިހާރު އޮތް ގޮތުން، ރާއްޖޭގައި އެންމެ ގިނަ މެންބަރުން ތިބީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައެވެ. ކުރިން ސިޔާސީ ޕާޓީތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅުނު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ފަހަތަށް ޖައްސާލުމަށްފަހު، ޕީއެންސީން ވަނީ 68،000 އަށްވުރެ ގިނަ މެންބަރުން ހަމަކޮށްފައެވެ. ޕީއެންސީގެ މިހާރުގެ އަމާޒަކީ ކުރިއަށް ހުރި ދުވަސްތަކުގައި 100،000 މެންބަރުން ހަމަކުރުމެވެ.









