Search Streamline Icon: https://streamlinehq.com

ކުރިގެ ރައީސުންގެ ބައެއް އިނާޔަތްތައް ކަނޑާލައި ނައިބުންނަށް އިނާޔަތްދޭ ބިލް ހިމެނޭހެން ހަތަރު ބިލެއް ތަސްދީގުކުރައްވައިފި

447119 ba6a5d24 5

ކުރިގެ ރައީސުންގެ ބައެއް އިނާޔަތްތައް ކަނޑާލައި ނައިބުންނަށް އިނާޔަތްދޭ ބިލް ހިމެނޭހެން ހަތަރު ބިލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މަސްތުވާތަކެއްޗާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 17/2011) އަށް ގެނައި ތިންވަނަ އިޞްލާޙުގެ ބިލުގެ މައިގަނޑު މަޤްޞަދަކީ، މަސްތުވާތަކެތި ޓްރެފިކްކުރުމާއި ވިޔަފާރި ހުއްޓުވައި، ބޭނުންކުރާ މީހުންގެ އަދަދު މަދުކޮށް، ދެވިހިފާފައިވާ ފަރާތްތަކަށް ފަރުވާދީ، އަނބުރާ މުޖުތަމަޢަށް ރަނގަޅުކޮށް ގެނައުމުގެ ނިޒާމެއް ޤާއިމުކުރުމެވެ.

މުހިންމު އިޞްލާޙުތަކުގެ ތެރޭގައި، އަލަށް ނުކުންނަ މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ އުޞޫލެއް ތަޢާރަފުކުރުމާއި، މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށްތަކާއި އަދަބުތައް ކަނޑައެޅުން ހިމެނެއެވެ. ޤާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމުގެ އަދަބު 20 އަހަރު ދުވަހުގެ ޖަލު ޙުކުމަކާއި 75,000 ރުފިޔާއާއި 7,500,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއަކަށް ބޮޑުކުރެވިފައިވެއެވެ. އަދި ބައެއް ޝަރުޠުތައް ފުރިހަމަވާނަމަ، މަސްތުވާތަކެތި އެތެރެކުރުމުގެ ކުށަށް މަރުގެ އަދަބު ދެވޭގޮތަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 350 ގްރާމަށްވުރެ ގިނަ ކެނެބިސް ނުވަތަ 250 ގްރާމަށްވުރެ ގިނަ ޑައިމޯފިން ނުވަތަ 100 ގްރާމަށްވުރެ ގިނަ އެހެން ޑްރަގް އެތެރެކުރުން އިސްލާހުގައި ހިމެނެއެވެ.

މަރުގެ އަދަބު ދެވޭ ކުށްތަކަށް މަޢާފު ދިނުމެއް ނުވަތަ ލުއިކުރުމެއް ނޯންނާނެކަމަށް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދިނުމާއި، މަސްތުވާތަކެތި ބޭނުންކުރާކަން އެނގިތިބެ ތަންތަން ހިންގުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުންފަދަ އިތުރު ކުށްތައް ވެސް ވަނީ ކަނޑައަޅާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން ތިން މަސްދުވަސް ހަމަވާ ދުވަހުންނެވެ.

ކުރީގެ ރައީސުން އޮފީސް ހިންގަން ދޭ އިނާޔަތް ކަނޑާލައި ނައިބުންނަށް އިނާޔަތެއް ދިނުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 9/2019) އަށް ގެނައި ތިންވަނަ އިޞްލާޙުގެ ބިލުގެ މަޤްޞަދަކީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ނައިބު ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކޮށްފައިވާ ފަރާތްތަކަށް ދެވޭ ރައްކާތެރިކަމާއި ޢިނާޔަތްތައް ކަނޑައެޅުމެވެ.

މި އިޞްލާޙުތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ދެމުންގެންދިޔަ އޮފީސް ހިންގުމުގެ ޚަރަދު އުނިކޮށްފައިވެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ އެހެން މަޤާމަކާ ޙަވާލުވެއްޖެނަމަ، އެ މަޤާމެއް އަދާކުރާ މުއްދަތުގައި މި ޢިނާޔަތްތައް ލިބުން މެދުކެނޑޭނެއެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ، ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމު ނޫންކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން، ފަސް އަހަރުގެ ރިޔާސީ ދައުރެއްގައި ނައިބު ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް މަހަކު 30,000 ރުފިޔާގެ މާލީ ޢިނާޔަތަކާއި ދައުލަތުގެ ޚަރަދުގައި ޞިއްޙީ ޚިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ނުވަތަ ނައިބު ރައީސުލްޖުމްހޫރިއްޔާ، އެ މަޤާމުގައި ހުންނަވައި ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އޭނާއަށާއި އޭނާގެ އަނބި/ފިރިމީހާއަށް މި ޤާނޫނުގެ ދަށުން ލިބޭ އެއްވެސް ރައްކާތެރިކަމަކާއި ޢިނާޔަތެއް ނުލިބޭނެއެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި ގެޒެޓުގައި ޝާއިޢުކުރެއްވުމާ އެކުއެވެ.

ޓޫރިޒަމާބެހޭ ޤާނޫނު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2/99) އަށް ގެނައި 16 ވަނަ އިޞްލާޙުގެ  ބިލުގެ މަޤްޞަދަކީ، ދައުލަތުގެ ކުންފުނިތަކަށް ޓޫރިސްޓް ރިޒޯޓް ހެދުމަށާއި، ޓޫރިޒަމް ޓްރޭނިންގ ރިޒޯޓްތައް ހެދުމަށް ތަންތަން ކުއްޔަށް ދޫކުރުމުގެ އުޞޫލުތައް ކަނޑައެޅުމުގެ އިތުރުން، ރިޒޯޓުތައް ތަރައްޤީކުރުމަށް ދެވޭ މުއްދަތު އިތުރުކުރުމާއި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށްދޫކުރެވޭ ރަށްރަށުގެ ފަޅުގެ ސަރަޙައްދު ކަނޑައެޅުންފަދަ ކަންކަން ޤާނޫނުގައި ބަޔާންކުރުމެވެ.

މި އިޞްލާޙުގައި ”ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް“ ޓޫރިސްޓް ޚިދުމަތް ދޭ ތަންތަނުގެ ތެރޭގައި ހިމަނާފައިވެއެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްޤީކުރެވޭނީ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ ޓޫރިސްޓް ހޮޓާކަމަށާއި، އެ ތަންތަނުން ސަރުކާރަށް ދައްކާ ފައިސާ އެ ރަށުގެ ކައުންސިލްގެ އާމްދަނީއަށް ވާނެކަމަށް ވަނީ ކަނޑައަޅާފައެވެ. ދައުލަތުގެ މަދުވެގެން 45 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ބިން، ނުވަތަ ފަޅު ދޫކުރެވޭނެ ގޮތްތައް އިތުރުކޮށްފައިވެއެވެ. އަދި، ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމުމަށް ދެވިފައިވާ މުއްދަތު އިތުރު 6 މަސްދުވަހަށް އިތުރުކުރެވޭނެ ޝަރުތުތަކާއި އިޖުރާތު މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ޓުއަރ އޮޕަރޭޓަރ ލައިސަންސް ނުވަތަ ފޮރިން ޓުއަރ އޮޕަރޭޓަރ ލައިސަންސް ނެތި ފަތުރުވެރިކަމުގެ ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދީފިނަމަ، 1,000,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން، ރިޒޯޓް ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރެވޭ މުއްދަތުގައި ދައްކަންޖެހޭ ކުލި ފަސްކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށް ވެސް މި ބިލުގައި ކަނޑައަޅާފައިވެއެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި ގެޒެޓުގައި ޝާއިޢުކުރެއްވުމާ އެކުއެވެ.

ޒަކާތު ބިލް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޒަކާތުގެ ބިލު (ބިލު ނަންބަރު 30/2025)، ފާސްކުރައްވާފައިވަނީ، 3 ޑިސެންބަރު 2025 ވީ ބުދަ ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައެވެ.

މިއީ، އިސްލާމްދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތެއްގެމަތިން، ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން، ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ޤާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގެ މަޤްޞަދުގައި އެކުލަވަލާލެވިފައިވާ ބިލެކެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެ ފައިސާ ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ދޫކުރުމަށް، އަދި އެ ފައިސާއިން އިސްލާމީ ޝަރީޢާ ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކޮށް، ރަނގަޅު ފައިދާއެއް ހޯދައިދިނުމަށް ޓަކައި ”ޒަކާތު ފަންޑު“ ގެ ނަމުގައި ފަންޑެއް އުފެދުނީކަމަށް ބަޔާންކޮށްފައިވެއެވެ. މި ބަލަހައްޓާނީ މާލިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން، ޕަބްލިކް ބޭންކް އެކައުންޓާ ވަކިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ގާއިމުކުރެވޭ ވަކި އެކައުންޓެއްގައެވެ. ޒަކާތު ފަންޑުގެ ކަސްޓޯޑިއަންއެއްގެ ގޮތުގައި މަސައްކަތްކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.

ޒަކާތު ފަންޑު އުފެދުމާއެކު، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ޤާއިމުކޮށް ހިންގަމުން އައި ”ޒަކާތު ފަންޑު“ އެ ފަންޑުގައިވާ އެންމެހައި ފައިސާއާއެކު، މި ބިލުގައި ބަޔާންކުރާ ފަންޑަށް ބަދަލުވީއެވެ.

މި ޤާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭގޮތުން، ޒަކާތާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅުއްވާނީ، ޒަކާތާބެހޭ ކަންކަން ހިމެނޭގޮތުން، އިސްލާމްދީނާގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމުގެ ޒިންމާ އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރުގެ ލަފާފުޅާއެކު، ރައީސުލްޖުމްހޫރިއްޔާއެވެ.
ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާ ދިނުމަށާއި، އެ ނިޒާމުގެ ހިންގުން ވިލަރެސްކުރުމަށްޓަކައި ”ޒަކާތު ކައުންސިލް“ ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ”މޯލްޑިވްސް ޒަކާތު ހައުސް“ ގެ ނަމުގައި، ސަރުކާރުގެ އިދާރާއެއް އުފެދުނީއެވެ. އަދި ކުރިން މިނިސްޓްރީގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ޒަކާތު ހައުސްގެ އެންމެހައި މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި، އެ އިދާރާގައި ބޭނުންކުރަމުންދިޔަ އެންމެހައި މުދަލާއި ވަސީލަތްތަކާއި ސަރުކާރުގެ ބަޖެޓުން އެ އިދާރާއަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، ޤާނޫނީގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އިދާރާއަށް ލިބިދޭ ޙައްޤުތަކާއި މަންފާތައް، މި ޤާނޫނުގައި ބަޔާންކުރާ މޯލްޑިވްސް ޒަކާތު ހައުސްއަށް ބަދަލުވާނެއެވެ.

ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވައިލައި ހިންގުމާގުޅޭ ކަންކަމުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފަޔާއި އިރުޝާދު ދޭނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަކުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާއެކު ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢުކުރައްވާފައެވެ. ޤާނޫނަށް ޢަމަލުކުރަން ފަށާނީ 2026 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *