Search Streamline Icon: https://streamlinehq.com

މުދާ ޝިޕްމެންޓަކުން 10،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި

Capture

ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓަކުން ދިހަ ހާހަށް ވުރެ ގިނަ ވޭޕް ކާޓްރިޖް ހޯދައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ވިދާޅުވީ ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ޤަވާއިދާ ޚިލާފް ތަކެތި ހުރެދާނެ ކަމަށް ފާހަގަކުރެވިގެން މި މަހުގެ 04ވަނަ ދުވަހު ވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގާފައި ކަމަށެވެ.

މި އޮޕަރޭޝަން ހިންގީ މާލޭ ކޮމާޝަލް ހާބަރުގައެވެ.

އަދި މިއޮޕަރޭޝަންގައި ބަލާފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށާއި މިގޮތުން ޖުމްލަ 10800 (ދިހަހާސް އައްސަތޭކަ) ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.

މި ވޭޕް ކާޓްރިޖުގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެއެވެ.

މިއީ ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރަން ސަރުކާރުން ނިންމި ތާރީޚުގެ ފަހުން ކަސްޓަމްސް އިން ހިފެހެއްޓި އެންމެ ބޮޑު ސިޕްމެންޓެވެ.

”މި ތާރީޚުން ފެށިގެން ކަސްޓަމްސް އިން މިހާތަނަށް ޖުމްލަ 66،000އަށް ވުރެ ގިނަ ވޭޕް ހިފަހައްޓާފައިވޭ. މި މައްސަލަ މިހާރު ދަނީ ކަސްޓަމްސް އިތުރަށް ތަހުގީގު ކުރަމުން.“ ކަސްޓަމްސްއިން ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ އަދި ވޭޕް ކުރަން ބޭނުންކުރާ ސާމާނުތަކާއި ރާއްޖެއަށް އެތެރެ ކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވާ ދިވެހި މުޖުތަމަޢަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ކަސްޓަމްސް އިން ގިނަ މަސައްކަތަކެއް ކުރަމުން އަންނަ އިރު ކަސްޓަމްސް އިން ވަނީ މި މަސައްކަތްތަކަށް އާންމު ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.

ރާއްޖޭގެ ވޭޕްގެ ބާވަތްތައް ބިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *