Search Streamline Icon: https://streamlinehq.com

މިއަހަރު މިހާތަނަށް މާލެ ސަރަހައްދުގައި 2،217 އެކްސިޑެންޓު ހިނގި

604518202 1177905997862460 3072883243830709951 n

މިއަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި ޖުމްލަ 2،217 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ. މި އެކްސިޑެންޓުތަކުގެ ތެރެއިން ނުރައްކާތެރި އެކްސިޑެންޓުތަކުގައި ދެ މީހަކު ނިޔާވެފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މާލެ ފުލުހުންގެ ހިދުމަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހެޑް އޮފް ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ފަސީހު ވިދާޅުވީ، މިއަހަރު ހިނގާފައިވާ އެކްސިޑެންޓުތަކުގެ ތެރެއިން 335 އެކްސިޑެންޓަކީ ސިނަމާލެ ބްރިޖާއި ހައިވޭގައި ހިނގާފައިވާ އެކްސިޑެންޓުތައް ކަމަށެވެ. އަދި 97 ނުރައްކާތެރި އެކްސިޑެންޓު ހިމެނޭއިރު، އެ އެކްސިޑެންޓުތަކުގައި ދެ މީހަކު ނިޔާވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ބައެއް މައްސަލަތަކާ އެއްކޮށް ޖުމްލަ 2327 އެކްސިޑެންޓު މައްސަލައެއް ފުލުހުން ބަލާފައިވެއެވެ. މި މައްސަލަތަކުގެ ތެރެއިން 270 މައްސަލައެއްގައި އިންޝުއަރެންސް ރިޕޯޓު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެއިތުރުން، އެކްސިޑެންޓުތަކާ ގުޅިގެން 4.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދެފަރާތުން އެއްބަސްވެ، ފުލުހުން މެދުވެރިވެގެން ނަގައިދީފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %76 ގެ ބޮޑު އިތުރުވުމެކެވެ.

ޓްރެފިކް އެކްސިޑެންޓުތައް މަދުކޮށް، މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، އާންމުން ހޭލުންތެރި ކުރުމުގެ ތަފާތު ހަރަކާތްތައް ވަނީ ހިންގާފައެވެ. އޭގެ ތެރޭގައި ސްކޫލްތަކަށާއި، ސަރުކާރުގެ މުއައްސަސާތަކަށް އަދި ޓެކްސީ ޑްރައިވަރުންނަށް ހާއްސަކޮށްގެން ހިންގާފައިވާ ޕްރޮގްރާމްތައް ހިމެނެއެވެ. މީގެއިތުރުން، ސޯޝަލް މީޑިއާ ބޭނުންކޮށްގެން ވެސް ހޭލުންތެރިކުރުމުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ސުޕްރިންޓެންޑެންޓް ފަސީހު ވިދާޅުވި ގޮތުގައި، މާލޭގެ 20 ސްކޫލެއްގައި ދުވާލަކު 141 ފަހަރު ޓްރެފިކު ފުލުހުން ޑިއުޓީ ކުރަމުންދެއެވެ.

ތަފްސީލު ދެއްވަމުން ފުލުހުން ވިދާޅުވީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ގުޅިގެން 17 ސްކޫލެއްގައި 549 ދަރިވަރުންނަށް މަގުމަތީގެ ސަލާމަތާ ގުޅޭ ތަމްރީނު ދީފައިވާ ކަމަށެވެ.

މާލޭގެ އެންމެ ބޮޑު އެއް މައްސަލައަކަށްވެފައިވާ ޕާކިން މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މި އަހަރު ތެރޭގައި 801 ބައުވެ ހަލާކުވެފައިވާ އުޅަނދު ނަގައި ނައްތާލާފައިވެއެވެ. އަދި ހޮސްޕިޓަލްތަކާއި މިސްކިތްތަކާއި ސްކޫލްތަކުގެ ދޮރުމައްޗާއި ކަފިހިހުރަސް މަތީގައި ޕާކުކޮށްފައި ހުންނަ 7442 އުޅަނދު ނަގައި، އޭގެ ތެރެއިން 899 ދެފުރޮޅުލީ އުޅަނދާއި 106 ހަތަރުފުރޮޅުލީ އުޅަނދު ވަނީ ނައްތާލާފައެވެ. ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ކުށުގައި 156 މީހުންނާ މެދު ފިޔަވަޅުއަޅައި 30 ދުވަހުގެ މުއްދަތަށް އެމީހުންގެ އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ވެސް ފާހަގަކުރެވެއެވެ.

ލައިސަންސް ނެތި އުޅަނދު ދުއްވުން މަދުވެފައިވާކަމަށް ފާހަގަކުރައްވައި ފުލުހުން ވިދާޅުވީ، 2024 ވަނަ އަހަރު މިހާތަނަށް 2737 ދެފުރޮޅުލީ އުޅަނދާއި 208 ހަތަރުފުރޮޅުލީ އުޅަނދު ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *