Search Streamline Icon: https://streamlinehq.com

އުޅަނދުފަހަރު ޗެކްކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި

Picture2 f13d7b097d

ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް މާލެއިން ފުރާ އަދި އަންނަ އުޅަނދުފަހަރު ޗެކްކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް މާލެއިން ގިނަބަޔަކު އެކި ރަށްރަށަށް ދަތުރުކުރާނެތީ ޕަސިންޖަރުން ގޮވައިގެން ދަތުރުކުރާ ފެރީތަކާއި، ބަނދަރުތަކުން މުދާ ބަރުކޮށްގެން އަތޮޅުތަކަށް ދަތުރުކުރާ އޮޑިދޯނިފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މެރިން ޕޮލިހުން ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ހަރަކާތެއް ފަށާފައިވާ ކަމަށެވެ.

މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ގްރޭޓަރ މާލެ އޭރިއާއިން ޕަސިންޖަރުން ގޮވައިގެން ދަތުރުކުރާ ފެރީތަކާއި މުދާ ބަރުކޮށް އަތޮޅުތަކަށް ފުރުމަށް ތައްޔާރުވަމުންދާ އޮޑިދޯނިފަހަރާއި އެހެން އަތޮޅުތަކުން މާލެ އަންނަ އޮޑިދޯނިފަހަރާއި ބޯޓުތައް ބަލައިފާސްކޮށް، އެ އުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލަމުންގެންދާނެއެވެ.

އޭގެ އިތުރުން މި ހަރަކާތުގެ ތެރެއިން، އޮޑިދޯނިފަހަރާއި ބޯޓުފަހަރު ފުރުމުގެ ކުރިން ރަނގަޅުކުރަންޖެހޭ ކަންކަން ކެޕްޓަނުންނަށް އަންގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ކަނޑު ދަތުރު ފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވެ އެކަންކަން ތަންފީޒުކުރުމުގައި އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ ފުރިހަމަ އެއްބާރުލުން ލިބުމުގެ މުހިއްމު ކަމާބެހޭ ގޮތުންވެސް މައުލޫމާތު ދެމުންގެންދާނެއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 23 އިން 2026 ޖަނަވަރީ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް އިމިގްރޭޝަން އަދި އެމް.އެން.ޑީއެފްގެ ކޯސްޓްގާޑުގެ އެހީތެރިކަމާ އެކުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *