ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅި 4000 ފްލެޓުގެ ތެރެއިން މިހާތަނަށް 3،879 ފަރާތަކާއެކު އެއްބަސްވުން ހަދައި، 399 ފަރާތަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
މި ފްލެޓުތަކުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، އިންޑިއާގެ ދެ ކުންފުނި ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިންނެވެ. މި މަޝްރޫއުގައި ޖުމްލަ 32 ޓަވަރު ހިމެނޭއިރު، ދެ ކުންފުނިން ވެސް ވަނީ 2،000 ފްލެޓުގެ މަސައްކަތް ކޮށްފައެވެ. އެ ޓަވަރުތަކުގައި ތިން ކޮޓަރީގެ 2800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1200 އެޕާޓްމެންޓް ހިމެނެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ އެއްބަސްވުން ހަދާފައިވާ ހުރިހާ ފަރާތްތަކަށް އަންނަ ޖަނަވަރީ މަސް ނިމުމުގެ ކުރިން ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެކަމުގެ ޔަގީންކަން ދެވޭނެކަމަށެވެ. ފްލެޓް ހަވާލުކުރުން ލަސްވީ އެއްބަސްވުންތަކުގައި ފެނާއި ކަރަންޓުގެ މަސައްކަތް ހިމެނިފައިނުވުމުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ރައީސް ވަނީ އަންނަ ދިރާސީ އަހަރު ސްކޫލްތައް ހުޅުވުމުގެ ކުރިން ހުރިހާ 4000 ހައުސިން ޔުނިޓެއްގައި މީހުންނަށް ވަދެވޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ސަރުކާރުން ވަނީ ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދިނުމަށް ނިންމަވާފައެވެ. އަދި ރައީސް މުއިއްޒު ވަނީ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ކުޑަކޮށްދެއްވާފައެވެ. އެގޮތުން، ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 8،500 ރުފިޔާ ޑައުންޕޭމަންޓާއި 10،000 ރުފިޔާ މަހު ކުލި، އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 6،000 ރުފިޔާ ޑައުންޕޭމަންޓާއި 7،000 ރުފިޔާ މަހު ކުލި ދައްކަންޖެހޭ ގޮތަށް ބަދަލު ގެނެސްފައިވެއެވެ. ކުރިން ގިނައިން ޑައުންޕޭމަންޓް ދައްކާފައިވާ ފަރާތްތަކަށް ބާކީވާ ފައިސާ މަހު ކުލިން އުނިކުރެވޭނެއެވެ. މީގެ އިތުރުން، ތަޅުދަނޑި ހަވާލުކުރާ ތާރީޚުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ކުލި ދައްކާކަށް ނުޖެހޭނެ ނަމަވެސް، މެއިންޓެނަންސް ފީ ދައްކަން ޖެހޭނެއެވެ.









