Search Streamline Icon: https://streamlinehq.com

ނ. އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕް މަޝްރޫއު ”އާއިލާ“ގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި

Big PJbOaRNKkeahY7YpbWDmPK72j

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނުގެ ދަށުން ރާއްޖޭގައި ހިންގާ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫޢު ކަމަށްވާ ”ޕްރޮޖެކްޓް އައިލާ“ ތަރައްޤީކުރުމަށް އިންވެސްޓަރުންނާއެކު ދިވެހި ސަރުކާރުން މިއަދު ރަސްމީކޮށް ސޮއިކޮށްފިއެވެ.

ވެލާނާގޭގެ 11 ވަނަ ފަންގިފިލާގައި ހުންނަ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި، ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު މުޙައްމަދު ސަޢީދެވެ. އިންވެސްޓަރު ކުންފުނި ކަމަށްވާ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޕެރަޓް ކްރިސްޓިކްއެވެ. މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރާއި، ބަންޑާރަނައިބު އަޙްމަދު އުޝާމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ނޫނު އަތޮޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މި ބިޔަ މަޝްރޫޢަކީ 790 މިލިއަން އެމެރިކާ ޑޮލަރު (12.2 ބިލިއަން ރުފިޔާ) ގެ ބޮޑު އިންވެސްޓްމަންޓެކެވެ. މި މަޝްރޫޢު 2028 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާއިރު، މިއީ ރާއްޖޭގައި މިފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރާ ފުރަތަމަ ފަހަރުކަން ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އުންމީދީ އިޤްތިޞާދީ ތަސައްވުރުގެ ފެށުން ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި ރިއަލް އެސްޓޭޓް ދާއިރާއަށް އައު ދޮރުތަކެއް ހުޅުވި، އިތުރު ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

”އައިލާ“ މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ މުހިންމު ވަޞީލަތްތަކުގެ ތެރޭގައި:

  • މަތީ ފަންތީގެ ގެދޮރުވެރިކަމުގެ މަޝްރޫޢުތައް.
  • ދުނިޔޭގެ ފެންވަރުގެ ޞިއްޙީ އަދި ތަޢުލީމީ މަރުކަޒުތައް.
  • ޒަމާނީ ދަނޑުވެރިކަމާއި އެކުއަކަލްޗާގެ ވަޞީލަތްތައް.
  • މަޝްރޫޢަށް ބޭނުންވާ ހަކަތައިގެ 60 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުން.

ކްރިސްޓަލް ހޯލްޑިންގްސްގެ ސީއީއޯ ޕެރަޓް ކްރިސްޓިކް ވިދާޅުވީ، ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި މާހައުލެއް އޮތް ޤައުމެއް ކަމަށާއި، ސަރުކާރުން ގެންގުޅުއްވާ ހަގީގީ ވިޔަފާރީގެ އުޞޫލުތަކަށް އިތުބާރު ކުރައްވާ ކަމަށެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ބަންޑާރަނައިބު އަޙްމަދު އުޝާމާއި އެމަނިކުފާނުގެ ޓީމުން ދެއްވި ފަންނީ ލަފަޔަށް ވަޒީރު ސަޢީދު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. ސަރުކާރުން ހާމަކުރައްވާ ގޮތުގައި، މި މަޝްރޫޢު ވެގެންދާނީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭނެ، ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ނަމޫނާ ޓައުންޝިޕަކަށެވެ.

Leave a Reply

Your email address will not be published. Required fields are marked *