ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތާއި ބެހޭ ގާނޫނެއް ވުޖޫދުވެ، އެ ގާނޫނަށް މާދަމާއިން ފެށިގެން އަމަލުކުރަން ފަށާއިރު، މުދަލު ޒަކާތް ބަލައިގަތުމާ ގުޅޭ ގޮތުން މޯލްޑިވްސް ޒަކާތު ހައުސްއާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޒަކާތް ހައުސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރުއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރ ޝަހީމް ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ ވަރަށް ތާރީހީ އެއްބަސްވުމެކެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ޒަކާތް ގާނޫނެއް ވުޖޫދަށް ގެނެސް މާދަމާއިން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފަށާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
”ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތާއި ބެހޭ ގާނޫނެއް ވުޖޫދުވެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވަނީ ގާނޫނު ތަސްދީގުކުރައްވާފައި. މާދަމާއިން ފެށިގެން މި ގާނޫނު ރާއްޖޭގައި ތަންފީޒުކުރަން ފަށާނެ.“ ވަޒީރު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވީ މީރާއިން އަބަދުވެސް އެންމެ އިސްކަމެއްދީގެން ކުރާ މަސައްކަތަކީ މުވައްޒަފުންނާއި މީރާގެ ސިސްޓަމުގެ ނަޒާހަތްތެރިކަން ޔަގީންކުރުން ކަމަށާއި މި އެއްބަސްވުމާއެކީ ރައްޔިތުންގެ އިތުބާރު އެ މުވައްސަސާއަށް ލިބިގެންދާނެ ކަމަށެވެ.
ޒަކާތާއި ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްވުމަށްފަހު މިމަހު 6 ވަނަ ދުވަހު ރައީސް މުޢިޒް އިބްރާހިމް ވަނީ ތަސްދީގުކުރައްވާފައެވެ. މިއީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، އިޖުތިމާއީ ފުދުންތެރިކަން އިތުރުކުރުމަށް އެކުލަވާލާފައިވާ ގާނޫނެކެވެ.
މި ގާނޫނުގެ ދަށުން ފިޠުރު ޒަކާތާއި މުދަލު ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތުގެ ބާވަތްތަކާއި، ނިސާބު ކަނޑައަޅާނެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. ޒަކާތުގެ ފައިސާ ބަލަހައްޓާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އުފައްދާ ޒަކާތު ފަންޑު މެދުވެރިކޮށެވެ. ޒަކާތާ ގުޅޭ ގައުމީ ސިޔާސަތުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާއިރު، މި ނިޒާމު ހިންގައި ވިލަރެސްކުރުމަށް 9 މެންބަރުންގެ ”ޒަކާތު ކައުންސިލް“ އެއް އުފައްދަންޖެހެއެވެ. އަދި ޝަރުޢީ ލަފާ ހޯދުމަށް ”ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ“ އެއްވެސް އޮންނަންވާނެއެވެ.
ގާނޫނާ ޚިލާފަށް ޒަކާތުގެ ފައިސާ ބޭނުންކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ އަމަލެއް ހިންގާ ފަރާތްތައް 1،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މީރާގެ ފަރާތުން ހަސަން ޒަރީރު ވިދާޅުވެފައިވަނީ މީރާގެ ތެރޭގައި ވަކި މީހަކަށް ވަކި ގޮތަކަށް ހިދުމަތް ދިނުމުގެ ބަދަލުގައި އެއްވެސް ކިޔޫ ސިސްޓަމެއް ނެތި ހަމަހަމަކަމާއެކީ ސިސްޓަމްތެރެއިން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މީރާއިން އަބަދުވެސް އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެއްކަމަށެވެ.









