މާލޭ ވިޔަފާރި ބަނދަރު (ޕޯޓް) ބޭރުގެ ކުންފުންޏަކަށް ދޭން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. ވަޒީރު މިހެން ވިދާޅުވީ ހއ. ދިއްދޫގެ އެއާޕޯޓް ތަރައްގީ ކުރުމާއި، ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިގްތިސާދަށް ގެންނެވި ހަރުދަނާ ބަދަލުތަކާއެކު، ދުނިޔޭގެ ވަރަށް ގިނަ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. އެގޮތުން ޕޯޓަށާއި އެއާޕޯޓުގެ އިތުރުން އެހެނިހެން ދާއިރާތަކަށްވެސް އިންވެސްޓް ކުރަން ގިނަ ބަޔަކު ބޭނުންވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”މި މީހުންގެ އިންޓަރެސްޓް ހުރީމަ، ރައީސުލްޖުމްހޫރިއްޔާ ކޮންމެ މީހެއްގެ ޕްރޮޕޯސަލްއެއް ލިބުނު ކަމުގައިވިޔަސް އެ ބައްލަވާނެ. އެކަމަކު އޭގެ މާނައަކީ ރައްޔިތުންނަށް ދެރަވާނެ ގޮތަކަށް ކަމެއް ކުރެއްވުމެއް ނޫން،“ ޒަމީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރަށް ލިބޭ ޕްރޮޕޯސަލްތަކާއި ވަޒީރުން ދައްކަވާ ވާހަކަފުޅުތަކަށް ރައީސް މުއިއްޒު ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ކަމަށެވެ. އަދި ރައީސް ނިންމަވާ ކޮންމެ ނިންމެވުމަކީ ރައްޔިތުންނަށް އޭގެ ފައިދާ އެންމެ ބޮޑަށް ކުރާނެ ގޮތަށް ބައްލަވާފައި ނިންމަވާ ނިންމެވުންތަކެއް ކަމުގެ ޔަގީންކަން ވެސް ޒަމީރު ދެއްވިއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވެ، ދަރަނި ނުދެއްކޭނެ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ބުނަމުންދިޔަ ނަމަވެސް، ރައީސް މުއިއްޒުގެ އިހްލާސްތެރި މަސައްކަތްޕުޅުން އެ ހާލަތު ބަދަލުކުރައްވާފައިވާ ކަމަށެވެ. 2024 ވަނަ އަހަރުގެ އެކި ދުވަސްވަރު ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބުނެ ދެކެވުނު ވާހަކަތަކުން އަރައިގަނެވިފައިވަނީ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދަށް އިންވެސްޓަރުންގެ އިތުބާރު އޮތް މިންވަރު ހާމަކުރައްވަމުން ޒަމީރު ވިދާޅުވީ، ރާއްޖޭގެ ސްކޫކްގެ އަގު 90 އަށްވުރެ މަތީގައި ހުރި ކަމަށާއި، މިއީ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.
ދިއްދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންގެ ލާބައަށް ކުރިއަށްގެންދާ މަސައްކަތްތަކެއްކަން ފާހަގަކުރައްވާފައެވެ.









