Search Streamline Icon: https://streamlinehq.com

ފަސް ތަނެއް ބަލައި ފާސްކޮށް 8 ބިދޭސީއަކު އަތުލައިގެންފި

immigration

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ މާލޭގެ ފަސް ތަނެއް ބަލައި ފާސްކޮށް އަށް ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަނަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް އިމިގްރޭޝަން ހިމެނޭހެން ސަރުކާރުގެ ކަމާގުޅޭ ޓާސްކްފޯސް އިން ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، އިއްޔެ ބަލައި ފާސްކުރި ފަސް ތަނަކީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ކަމަށް ފާހަގަކުރެވުނު ތަންތަނެވެ. މި ތަންތަނުން އަތުލައިގަތް އަށް ބިދޭސީންނަކީ ރާއްޖޭގައި އުޅުމުގެ ސައްހަ ލިޔެކިޔުން ނެތް ނުވަތަ ވިސާގެ އުސޫލުތަކާ ޚިލާފަށް އުޅެމުންދިޔަ މީހުންނެވެ.

ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން މިފަދަ ވިޔަފާރިތައް ރިޕޯޓުކުރުމަށް އާންމުންނަށް ހުޅުވާލާފައިވާއިރު، މިހާތަނަށް ކުރި މަސައްކަތުން ގަވާއިދާ ޚިލާފަށް ހިންގި 56 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 3333199 އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރެވޭނެއެވެ. މީގެ އިތުރުން، މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް މިފަދަ މައްސަލަތައް ރިޕޯޓު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މަސައްކަތުގެ ބާޒާރާއި ވިޔަފާރީގެ ދާއިރާގައި ހުރި ގޮންޖެހުންތައް ނައްތާލައި، ގަވާއިދުގެ ތެރެއަށް ހުރިހާ ފަރާތްތަކެއް ވެއްދުމެވެ.

Leave a Reply

Your email address will not be published. Required fields are marked *