ރައީސުލަޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގެ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިދިޔަ އަހަރުގެ ބަޖެޓުން ފެށިގެން ކޮންމެ އަހަރަކު އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތަށް، މި ފައިސާ މިހާރު ވަނީ ޝަރުތު ހަމަވާ މީޑިއާތަކަށް ދޫކޮށްފައެވެ. މިގޮތުން ޖުމްލަ 40 މީޑިއާއަކަށް 27,295,532.69 (ހަތާވީސް މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް ފަސްސަތޭކަ ތިރީސް ދެ ރުފިޔާ ފަސްދޮޅަސް ނުވަ ލާރި) ވަނީ ޖަމާކޮށްދީފައެވެ.
މި އެހީ ދޫކުރުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިންގް ކޮމިޝަނުން އެކުލަވާލާފައިވާ ހާއްސަ އުސޫލެއްގެ ދަށުންނެވެ. އެ އުސޫލުގެ ދަށުން ޝަރުތު ހަމަވާ މީޑިއާތަކާއި އެ ފަރާތްތަކަށް ލިބޭނެ ފައިސާގެ މިންވަރު ކަނޑައެޅުމަށްފަހު، އެ މައުލޫމާތު މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއަށް ވަނީ ހިއްސާކޮށްފައެވެ. ޔޫތު މިނިސްޓްރީން މި ތަފްސީލުތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގްއަށް ފޮނުވުމުން، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް މިހާރު ވަނީ މީޑިއާތަކަށް ފައިސާ ޖަމާކޮށް ނިންމާފައެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، ދައުލަތުގެ ބަޖެޓުން މިފަދަ ބޮޑު ހޭދައެއް މީޑިއާތަކަށް ކުރަން ނިންމެވީ އަމިއްލަ މީޑިއާތައް މާލީގޮތުން ބާރުވެރިކުރުވުމުގެ މަގްސަދުގައެވެ. އަދި މީގެ ސަބަބުން ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައި، ޒިންމާދާރު އަދި މިނިވަން ނޫސްވެރިކަމެއް ކުރުމަށް ބޮޑު މަގުފަހިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މިފަދަ ގޮތަކަށް މާލީ އެހީތެރިކަން ދޭން ފެށި ފުރަތަމަ ފަހަރެވެ. ރައީސް ޑރ. މުއިއްޒުގެ މި ނިންމެވުމާއެކު، މީޑިއާތަކަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބި، ދާއިރާގެ ކުރިއެރުމަށް އާ ބާރެއް ލިބިގެންދާނެ ކަމަށް މީޑިއާ ދާއިރާގެ މާހިރުން ފާހަގަކުރެއެވެ.









