މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ، ދިވެހި އަދަބިއްޔާތަށާއި ޅެންވެރިކަމަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުންދާ އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ މަޝްހޫރު ޅެންވެރިޔާ ހަސަން ލަބީބަށް ހާއްސަ ކުރަން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި 1960 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ހިދުމަތް ކުރައްވަމުން ގެންދަވާ ލަބީބަކީ، އުމުރުން އެންމެ 15 އަހަރުގައި ޅެން ހައްދަވަން ފެއްޓެވި ބޭފުޅެކެވެ. އޭނާ ވަނީ ޅެންވެރިކަމުގެ ރޮނގުން މީހުން ބިނާކުރުމަށް ކްލާސްތައް ހިންގަވައި، ”ޝާޢިރުންގެ ވާދީ“ ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައިގެން މި ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
މީގެ އިތުރުން ”ޅެންވެރިންގެ ބަހާރު“ ގެ މުޝީރެއްގެ މަގާމުވެސް އޭނާ ފުރުއްވަމުން ގެންދަވާއިރު، 2021 ވަނަ އަހަރު ވަނީ ދިވެހި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމުވެސް ހާސިލުކުރައްވާފައެވެ.
ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ ޅެންވެރިންގެ ދުވަހަކީ، ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ޒައީމް އަލްމަރުޙޫމް އިބްރާހީމް ޝިހާބުގެ ޒިކުރާ އާކުރުމުގެ ގޮތުން ހާއްސަކޮށްފައިވާ ދުވަހެކެވެ. މިއަހަރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ދިވެހި ބަހުގެ އެކަޑެމީން ވަނީ ސަމާސާ އަދަބުގެ ޅެން ހެދުމުގެ މުބާރާތެއް ބޭއްވުމަށްވެސް ނިންމާފައެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ހަރަކާތްތައް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އޭގެތެރޭގައި ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމުތަކާއި، ހަސަން ލަބީބުގެ ހިދުމަތްތަކުގެ މައްޗަށް އަލިއަޅުވާލައި ބާއްވާ ރަސްމީ ޖަލްސާ ހިމެނެއެވެ.
ލަބީބު ހައްދަވާފައިވާ ގިނަ ޅެންތަކަކީ ގައުމީ އަދި ދީނީ އެކިއެކި މުނާސަބަތުތަކާ ގުޅުވައިގެން ހައްދަވާފައިވާ، އަދަބީ ގޮތުން މުއްސަނދި އުފެއްދުންތަކެކެވެ.









