ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ހޯދުމަށް ބޭނުންކުރާ ”އީފާސް“ ނިޒާމުގެ ވަރަށް ބޮޑު އަޕްގްރޭޑަކާއެކު، އައު ވާޝަންއެއް މިއަހަރުގެ މެދުތެރޭގައި ނެރޭނެކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ، އީފާސްގެ ދެވަނަ ވާޝަން ނެރުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި، މިއަހަރުގެ މެދުތެރޭގައި މި ޚިދުމަތް އާންމުންނަށް ލިބިގެންދާނެ ކަމަށެވެ. މި އައު ވާޝަން ތަޢާރަފްކުރަނީ ވަރަށް އެޑްވާންސް ފީޗާސްތަކަކާއެކު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އީފާސް ބޭނުންކުރާ ފަރާތްތަކުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ކިނާނަތު ވިދާޅުވީ، މިހާރުވެސް 272,000 އަށްވުރެ ގިނަ މީހުން މި ނިޒާމު ބޭނުންކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާރުގެ ނިޒާމުގައި 10 އަހަރުން ދަށުގެ ކުދިންނަށް ފުރުޞަތެއް ނެތްކަން ފާހަގަކުރައްވައި، އައު ވާޝަންއާއެކު އެ ޢުމުރުފުރާގެ ކުދިންނަށާއި ބެލެނިވެރިންނަށްވެސް އީފާސް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑުމެން ބޭނުންވަނީ އީފާސް ބޭނުންކުރާ މީހުން އިތުރުވުން. މި އައު ބަދަލާއެކު އީފާސް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ،“ ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
އީފާސްއަކީ 2012 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) އިން ބަލަހައްޓަމުން އަންނަ ނިޒާމެކެވެ. ވޭތުވެދިޔަ ދިގު މުއްދަތުގައި އީފާސްގެ އައު ވާޝަންއެއް ނެރެފައި ނުވާކަން ފާހަގަކުރައްވައި، ޑރ. ކިނާނަތު ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ތަފާތު އައު ފީޗަރުތަކާއެކު އިތުރު ވާޝަންތައް ނެރެމުންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ”މޯލްޑިވްސް 2.0“ ތަޞައްވުރުގެ ދަށުން، ރާއްޖޭގެ ޑިޖިޓަލް ނިޒާމު ހަރުދަނާކުރުމަށްޓަކައި މުހިންމު ހަތަރު ޤާނޫނެއްގެ ޑްރާފްޓް މިހާރު ނިމިފައިވާކަންވެސް ސްޓޭޓް މިނިސްޓަރު ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ޑާޓާ ޕްރޮޓެކްޝަން ޤާނޫނު
- ޑިޖިޓަލް އައިޑީ ޤާނޫނު
- ސައިބަރ ސެކިއުރިޓީ ޤާނޫނު
- މޯލްޑިވްސް 2.0 ގެ ޤާނޫނު
މި ޤާނޫނުތައް މިހާރު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން ”ނޭޝަނަލް ސޮވްރިންގ ކްލައުޑް“ އާއި ”މޯލްޑިވްސް ޑާޓާ އެކްސްޖޭންގް“ ޕްލެޓްފޯމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ބާރުމިނެއްގައި ކުރިއަށްދާކަން ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވިއެވެ.









