ދިވެހިރާއްޖެއިން ރަޝިއާ އަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިއަން ފެޑެރޭޝަންގެ ރައީސް، ހިޒް އެކްސެލެންސީ ވްލަޑިމިއަރ ޕުޓިން އަށް އަރުވައިފިއެވެ.
މޮސްކޯގެ ގްރޭންޑް ކްރެމްލިން ޕެލެސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފަތްކޮޅު އެރުއްވުމަށްފަހު، ސަފީރު ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ފަރާތްޕުޅުން ރަޝިއާގެ ރައީސަށާއި އެގައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަޝިއާ އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ޢައްޔަން ކުރެއްވީ 11 މާރޗް 2025 ގައެވެ. ސަފީރު ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް މިހާރު ހުންނެވީ ރިޕަބްލިކް އޮފް ތުރުކިޔޭއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ.










