Search Streamline Icon: https://streamlinehq.com

އިންތިހާބާ ގުޅޭ ޝަކުވާތައް ބަލާ ބިއުރޯ ގާއިމުކޮށްފި

IMG 2451 (1) e18d204cfe142157cf2e

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި ”ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ“ ރަސްމީކޮށް ގާއިމުކޮށްފިއެވެ.

އިންތިޚާބާ ބެހޭ މަރުކަޒުގައި މި ބިއުރޯ ގާއިމުކުރިކަން ހާމަކުރައްވައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވީ، މިއީ އިންތިޚާބީ މައްސަލަތަކާއި ޝަކުވާތައް ރައްޔިތުންނަށް ފަސޭހައިން ހުށަހެޅޭނެ އިންތިޒާމެއް ހަމަޖައްސައި، އެފަދަ މައްސަލަތައް އަވަސް މިނެއްގައި ބަލައި ހައްލުކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ބިއުރޯގެ އީމެއިލް މެދުވެރިކޮށް ނުވަތަ ކޮމިޝަނުގެ ކައުންޓަރުތަކަށް ފޯމު ހުށަހެޅޭނެއެވެ. ޝަކުވާ ހުށަހަޅާ ފޯމު، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި، އިންތިޚާބާ ބެހޭ މަރުކަޒުގެ އިތުރުން ކޮމިޝަނުގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން، އަތޮޅުތަކާއި ރަށްރަށުގެ ކައުންސިލްތަކުގައި ތިއްބަވާ ފޯކަލް ޕޮއިންޓުންގެ އަތުންނާއި، ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ފޯކަލް ޕޮއިންޓުތައް މެދުވެރިކޮށް ވެސް ފޯމު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:

  • ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި: ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް.
  • ހުކުރު ދުވަހު: މެންދުރުފަހު 03:00 އިން ހަވީރު 06:00 އަށް.

އީސީން އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި، އިންތިޚާބު ބާއްވާ ތާރީޚު ކަމަށްވާ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު، ވޯޓުލާން ފެށީއްސުރެ ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާންކޮށް ނިމެންދެން ޝަކުވާ ބަލައިގަތުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެއެވެ.

މި ނިޒާމުގެ ސަބަބުން އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ، އިންސާފުވެރި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ ދަށުން ބާއްވަންޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް އިންތިޚާބު ކުރަންޖެހޭ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން، 2026 ފެބުރުވަރީ 01 ވާ އާދިއްތަ ދުވަހުގެ 15:30 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި