މި އަހަރު ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރައްވާ ގޮތުގައި 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 5،482،171.00 (ފަސް މިލިއަން ހަތަރު ލައްކަ އަށްޑިހަ ދެހާސް އެއް ސަތޭކަ ހަތްދިހަ އެއް) ރުފިޔާ ވަނީ ލިބިފައެވެ.
މިދިޔަ 1446 ވަނަ އަހަރުގެ މި މުއްދަތުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ 4،460،199 (ހަތަރު މިލިއަން ހަތަރުލައްކަ ފަސްދޮޅަސް ހާސް އެއް ސަތޭކަ ނުވަދިހަ ނުވަ) ރުފިޔާއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ކައުންޓަރުތަކުންނާއި، ކައުންސިލްތައް މެދުވެރިކޮށް އަދި އޮންލައިންކޮށްވެސް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މި ފަހަރު އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނެ 7 ޕްލެޓްފޯމަކީ:
- ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ
- އުރީދޫ، އެމް ފައިސާ މޯބައިލް އެޕް
- މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
- ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
- ފަހިޕޭ މޯބައިލް އެޕް
- އަވަސް މޯބައިލް އެޕް
- ބަނޑޭރި ޕޭ ވެބްސައިޓް
މީގެ ތެރެއިން ބަނޑޭރިޕޭއާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެ ކަމަށްވެސްއެވުޒާރާއިންއެވުޒާރާއިން ހާމަކުރައްވައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ކައުންޓަރުތަކުން ޒަކާތް ބަލައިގަންނާނީ
- 10 މާރިޗުން 19 މާރިޗަށް: ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00އިން 14:00އަށް
އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި ފިޠުރު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ. އެހެންކަމުން ހުރިހާ ބޭފުޅުންވެސް ފިޠުރު ޒަކާތް ދެއްކުމަށް އެ ވުޒާރާއިން ހަނދުމަފުޅުކޮށް އަރުވައެވެ.











