މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް ފުޅާކުރެވިގެން ދިއުމުގެ ނަތީޖާއަކީ ރައްޔިތުންނާ ގާތުން ހިދުމަތްދޭ މުއައްސަސާއަކަށް ފުލުުހުންގެ ހިދުމަތް ބައްޓަންވެގެން ދިއުންކަމުގައި ފުލުހުން ހާމަކުރައްވައިފިއެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަހާ ގުޅިގެން، ދިވެހިރާއްޖޭގެ އަޑުގެ ”އަދުގެ ރާއްޖެ“ ޕްރޮގްރާމްގައި މައުލޫމާތު ދެއްވަމުންނެވެ.
މާރިޗު 29 ވަނަ ދުވަހު މި ޕްރޮގްރާމްގައި ބައިވެރިވެ ފުލުހުންގެ ހިދުމަތުގެ ފަރާތުން މައުލޫމާތުދެއްވީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޖުތަބާ ޢަބްދުއްސައްތާރުއާއި އިންސްޕެކްޓަރ އޮފް ޕޮލިސް ޙާމިދާ ޢަބްދުލްޢަލީމެވެ. ދިވެހިރާއްޖޭގެ އަޑުން ވަގުތުން ގެނެސްދިން މި ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ހިދުމަތާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހިއްސާކޮށްފައިވެއެވެ. އެގޮތުން ވޭތުވެދިޔަ ދިގު ތާރީހުގައި ފުލުހުންގެ މުއައްސަސާއަށް އައިސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ 2004ވަނަ އަހަރު ސިފައިންނާއި ފުލުހުން ވަކިވެ، މަދަނީ މުއައްސަސާއެއްގެ ގޮތުގައި ފުލުހުން ރައްޔިތުންނަށް ހިމަތް ދޭން ފެށުން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މި މުއައްސަސާއަށް ހާއްސަ ކުރެވިގެން 2008ވަނަ އަހަރު އެކުލަވާލެވުނު ”ފުލުހުންގެ ޤާނޫނު“ އަދި އެއަށްފަހު 2020ވަނަ އަހަރު ތަސްދީގުކުރެވުނު ”ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު“ގެ ހިޔަލުގައި ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރެވިގެން ދިއުމުގެ ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ ރައްޔިތުންނާ ގާތުން ހިދުމަތްދޭ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ބައްޓަންވެގެން ދިޔުންކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ހިދުމަތް ނިމިދިޔަ 2025ވަނަ އަހަރުގެ ތެރޭގައި ގާއިމުކުރެވިފައިވާކަމީ، ރައްޔިތުންނާ ގާތުން މި ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމުގައި ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުން ކުރާ މަސައްކަތްތަކަށް އަލިއަޅުއްވައި ވިދާޅުވީ، މާލެ ސަރަހައްދުގެ އާބާދީ ބޮޑުވުމާއި ތޮއްޖެހުމުގެ ސަބަބުން ކުރިމަތިވާ ޓްރެފިކް މައްސަލަތަކާއި، ގޭންގު ކުށްތަކާއި، މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތައް ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުންގެ މަސައްކަތްތައް ވިލަރެސްކުރެވިފައިވާކަމަށާއި، މިފަދަ ކަންތައްތައް ހައްލުކުރުމުގައި އިސްތިރާޖީ އުސްލޫބުތައް ބޭނުންކުރުމުގެ އިތުރުން ކޮމިއުނިޓީ ޕޮލިސިންގގެ އުސޫލުން ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ބޮޑު އިސްކަމެއް ދެމުން ގެންދާކަމަށެވެ.
އޭގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތުގެ އެކި ބަހާތަކުގައި އަންހެނުންގެ ދައުރާ މެދު އިންސްޕެކްޓަރ އޮފް ޕޮލިސް ޙާމިދާ ޢަބްދުލްޢަލީމް ވިދާޅުވީ، 93 އަހަރުގެ ދިގު ތާރީހުގައި ފެނިގެން ގޮސްފައިވަނީ އަންހެނުންގެ ދައުރު ފުޅާވަމުންދާ މަންޒަރުކަމުގައެވެ. އެގޮތުން، ދުވަހީ ގޮތެއްގައި ރައްޔިތުންނާ މުއާމަލާތުކުރާ ފުލުހުންގެ ތެރޭގައި ވެސް އަންހެނުން ހިމެނޭ އިރު، ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އިސްތިރާޖީ ބަދަލުތަކާ ގުޅޭ ނިންމުންތައް ނިންމުމުގައިވެސް އަންހެނުންގެ ދައުރު ވަރަށް ބޮޑުކަމަށްވިދާޅުވިއެވެ.
އަދި ދިވެހި ފުލުހުންގެ ހިދުމަތް ގަރުނަކާ ހަމައަށް ވާސިލުވުމާ ހަމައަށް ދާއިރު، މި މުއައްސަސާގެ އެންމެ ބޮޑު އެއް އަމާޒަކީ މި މުއައްސަސާއަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ލޯބި ލިބިފައިވާ، ބައިނަލްއަގުވާމީ ފެންވަރުގެ ޕްރޮފެޝަނަލް މުއައްސަސާއަކަށް ހެދުންކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޖުތަބާ ޢަބްދުއްސައްތާރު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް، ފުލުހުންގެ ޚިދުމަތުގައި ދެބޭފުޅުންނަށް ކުރެވިފައިވާ ތަޖުރިބާގެ އަލީގައި ފުލުހުންގެ މުއައްސަސާއާ މެދު ކުރެވޭ ފަޚުރުވެރި އިހުސާސްތައް ހިއްސާކުރެއްވިއެވެ.











