މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަސައްކަތް ނުކުރާ ބަޔަކަށް މުސާރަ ދެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިސްޓެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމްއޭސީއެލްގެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ ބޮޑު މުސާރަ ނަގަމުންދާ ކަމަށް ބުނާ ލިސްޓެއް އެމަނިކުފާނާ ހަމައަށް އައިސްފައި ނުވާ ކަމަށެވެ. މީސްމީޑިއާގައި ދައުރުވަމުންދާ މި ލިސްޓަކީ ރައީސް އޮފީހުން އެމްއޭސީއެލްއަށް ފޮނުވި ލިސްޓެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ތުހުމަކަށް ބުނެ ފަތުރަމުންދާ ވާހަކަތަކެއްކަން ފާހަގަކުރެވެއެވެ.
”އަޅުގަނޑާ ހަމައަށް ތިކަހަލަ ލިސްޓެއް ވެސް ނާދޭ“ ރައީސް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ރައީސް ވިދާޅުވީ، ”އަޅުގަނޑާ ހަމައަށް ތިކަހަލަ ލިސްޓެއް ވެސް ނާދޭ،“ ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެމްއޭސީއެލް ހިމެނޭހެން ދައުލަތުގެ ހުރިހާ ކުންފުނިތަކެއްގެ (އެސްއޯއީ) ހިންގުން ހަރުދަނާކޮށް، މުވައްޒަފުންގެ އަދަދު މަދުކުރުމަށް މިހާރު ވާނީ އަންގާފައި ކަމަށެވެ.
ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހުރިހާ އެސްއޯއީތަކަށް އަންގާފައިވަނީ، ކުރެވެން ހުރި ހުރިހާ ތަނެއްގައި މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މަދުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލުތަކަކީ ކުންފުނިތަކުގެ ހިންގުން އިސްލާހުކުރުމަށް ގެނެވޭ ހެޔޮ ބަދަލުތަކެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ މަސައްކަތް ކުރިއަށްދާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން، ކުންފުނިތަކުގައި އޮންނަ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ލިސްޓުގައި ބޮޑު މުސާރަ ލިބޭ ގިނަ ބައެއްގެ ނަންތައް ހިމަނާފައިވާއިރު، އެއީ ވަޒީފާއަށް ނުނިކުމެ މުސާރަ ނަގާ މީހުން ކަމަށް ބުނެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ނަމަވެސް، ރައީސްގެ ވާހަކަފުޅުން އެނގިގެންދިޔައީ އެފަދަ އެއްވެސް ލިސްޓެއް ރަސްމީކޮށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ތައްޔާރުކޮށްފައި ނުވާކަމެވެ.








