ރާއްޖޭގެ ކޮލެޖް ޔުނިވަރސިޓީތަކުން ޤާރީ ކޯހާއި ޢަރަބި ކޯސްތައް ހަދާފައިވާ ފަރާތްތަކުން ވަޒީފާ ނުލިބިގެން އުޅޭ އިރު ބިދޭންސީން ގެނެސް ޤުރުއާނާއި ޢަރަބި ބަސް ކިޔަވައިދޭންވީ ހަމަޖެހޭ ސަބަބެއް އެބަ އޮތްތޯ ވިދާޅުވެ ޑރ. ޝަހީމް ސުވާލު އުފައްދަވައިފި އެވެ.
އިސްލާމިކް މިނިސްޓަރުކަމުގެ އިތުރުން ރާއްޖޭގައި ދީނީ ތަޢުލީމު ފެތުރުމުގައި ބުރަ އަދި ކާމިޔާބު މަސައްކަތްތަކެއްވެސް ކުރަށްވާފައިވާ ޑރ. ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ، ޤުރުއާނާއި ޢަރަބި ކިޔަވައިދިނުމަށް ދިވެހި ސަރުކާރުން އިންޑިއާ އިން ޓީޗަރުން ގެނެސްފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައި މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ޑރ. ޝަހީމްގެ އިތުރުން ރާއްޖޭގެ މަޤްބޫލު ގިނަ ދީނީ ޢިލްމުވެރިންތަކެއް ނިޞްބަތްވެވަޑައިގަންނަވާ ސަލަފް ޖަމިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ މުޙައްމަދު ވެސް ވަނީ ސަރުކާރުގެ މިނިންމެވުމާ ގުޅިގެން ސުވާލު އުފައްދަވާފަ އެވެ.
ޤުރުއާނާއި ޢަރަބި ކިޔަވައިދޭ ޓީޗަރުން އިންޑިއާ އިން ރާއްޖެއަށް އެތެރެކުރަނީ އެކަމުގެ ޙާޖަތް (ބޭނުން) ޙަޤީޤަތުގައިވެސް މިވަގުތު އޮތީމާތޯ ނުވަތަ އެއީ އިންޑިއާ އަށް އަދާކޮށްދޭން ޖެހިފައިވާ ދަރަންޏެއް އަދާކުރުމުގެގޮތުންތޯ ބަލަންޖެހޭކަމަށް ޝައިޚް ޢަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އިތުރުން ޢާންމު ރައްޔިތުންވެސް ސަރުކާރުގެ މި ނިންމެވުމަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކޮށް ސުވާލުތައް އުފައްދަމުން އެބަގެންދެ އެވެ.
އެގޮތުން، ރާއްޖޭގައި ވަރަށް ގިނަ ޤާރީ ކޯސް ނުވަތަ ޢަރަބި ބަސް ދަސްކުރާ ކޯސް ހިންގާކަމަށް އަޑުއިވޭކަމަށާއި، ރާއްޖެއިން އަދިވެސް ބޭނުންވާ ވަރަށް މީހުން ނުއުފެއްދެނީތޯ އަހައި ޢާންމު ރައްޔިތަކު ކޮށްފައިވާ ޓްވީޓެއްގައި ސުވާލު އުފައްދާފައި ވެއެވެ.
އެ ފަރާތުގެ މި ސުވާލު ހިމެނޭ ޓްވީޓު ”ކޯޓް“ ކުރަށްވައި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަދި މަޝްހޫރު ޤާނޫނީ ވަކީލު އަޙްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި؛ ”އިންޑިއާ ހައިކޮމިޝަނުން ތިކަންތައް ސާފުކޮށްދެއްވާނެކަމަށް ފެނޭ“ މިފަދައިން ވެސް ވިދާޅުވެފައި ވޭމެއެވެ.
އިސްލާމީ ތަޢުލީމު ދިނުމަށް އިންޑިއާގެ ”އެދުރުން“ ގެނައުމަށް ކުއްލި ގޮތަކަށް ސަރުކާރުން ނިންމަވައި އަދި އެކަން ތަންފީޒުކުރައްވަން ފައްޓަވާފައިވާ މި ދަނޑިވަޅަކީ، ޤާނޫނުލްޢުޤޫބާތަށް އިޞްލާޙުގެނައުމަށް ސަރުކާރުން މަޖްލީހަށް ހުށައަޅުއްވާފައިވާ ”ބިލު“ ގެ ކަންތަކާ ގުޅިގެން، ”ސެކިޔުލަރ“ ފިކުރު ކުރިއެރުވުމަށް ދައުލަތު ޞިފައިގައި ސަރުކާރުން މަސައްކަތް ކުރަށްވަމުންދާކަމަށް ޢިލްމުވެރިންގެ އިތުރުން ޢާންމުންގެ ގިނަބަޔަކު ވެސް ތުހުމަތުތައް ކުރަމުންގެންދާ ދަނޑިވަޅެއްވެސް މެއެވެ.
”ނަފްރަތު“ ގެ ބަސްތަކާއި ޢަމަލުތައް ހުއްޓުވުމަށް އެފަދަ ކަންކަން ޖިނާއީ ކުށްތަކަށް ހެދުމުގެ ބޭނުމުގައި ކަމަށް ބިލުގެ ސަބަބުގައި ބުނެވިގެން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖްލީހަށް ހުށައަޅުއްވާފައިވާ މި ބިލުގައި، އިސްލާމް ދީނުގެ އަޞްލުތަކުގެ އިތުރުން ރާއްޖޭގެ ޤާނޫނުއަސާސީ އާވެސް ފުށުއަރާ ”ނުކިއްސަރު“ ކަންތައްތަކެއް ހިމެނޭކަމަށާއި އަދި ބިލު މިހިނދު އޮތްގޮތަށް ޤާނޫނަކަށް ވެގެން ހިނގައްޖެނަމަ، އިސްލާމް ދީނާ ގުޅުންހުރި މާއްދާތައް ކިޔަވައިދިނުމުގައި ޓީޗަރަކަށް، ނުވަތަ ވަޢުޡުވިދާޅުވުމުގައި ޢިލްމުވެރިއަކަށް ބޭނުންކުރެވޭ ބަހެއްގެ ސަބަބުން ވެސް އަހަރު ދޮޅުއަހަރަށް ޖަލަށްދާން ޖެހިދާނެކަމަށް ޤާނޫނީ ފަންނުގެ ބޭފުޅުން ވިދާޅުވަމުންދާކަން ވެސް ފާހަގަކޮށްލެވެ އެވެ.










1 ކޮމެންޓް
ބޮޑު ބަލާއެއް އިންޑިޔާ މިތަނަށް ފާވެގެން .ކެނެ ރީ އާއިލާއަށް ބަލަދު އަ ރާފަ. ޚަ ރަދު ހަމަޖައްސަން ޖެހެނީ ދައުލަތުން