ޒިނޭކުރާ އަންހެނަކާ ކައިވެނިކުރާނީ ޒިނޭ ކުރާ ފިރިހެނެއް- 02
ޒިނޭކޮށް އުޅޭ އަންހެނުންނާއި ކައިވެނިކޮށް އުޅޭނީ ޒިނޭ ކުރާ ފިރިހެނެކެވެ.
މިއަންހެނާ އަށް މަރުޘަދު ހަމަ ފެނުމާއެކު އެކަލޭގެފާނަކީ ކާކުކަން އެނގިއްޖެއެވެ. އެހިނދު ކުއްލިޔަކަށް މަރުޘަދުތޯއޭ ކިޔައި ގޮވާލިއެވެ. ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. އާނއެކެވެ. ތިމަންކަލޭގެފާނަކީ މަރުޘަދެވެ. އެހިނދު އެކަނބުލޭގެ ވީ އުފަލެއްގެ ބޮޑުކަމުން ދެންނެވިއެވެ. ތިމަންނައާ އެކު މިރޭ ރޭކޮށްލުމަށް ތިމަންނަގެ ގެޔަށް ހިންގަވާށެވެ. ނަމަވެސް އެކަނބުލޭގެ މިހެން ދެންނެވުމާ އެކު މަރުޘަދު ވިދާޅުވިއެވެ. އޭ އަނާގުއެވެ. ޒިނޭކުރުން އަރަހުށި މާތްﷲ ވަނީ ހަރާމްކުރައްވާފައެވެ. ވީމާ ތިމަންކަލޭގެފާނު ކަނބުލޭގެޔާ އެކީ ވަޑައިނުގަންނަވާނަމެވެ.
ކޮންމެއަކަސް އެކަލޭގެފާނު އެކަނބުލޭގެ ދައުވަތަށް ތަކުރާރުކޮށް އިންކާރު ކުރެއްވުމުން އޭނާ ވަރަށް ބޮޑަށް މާޔޫސްވިއެވެ. އަދި އެކަލޭގެފާނު ބޭޒާރުކޮށް ހައްޔަރު ކުރެއްވުމަށްޓަކައި ހަރު އަޑުން ހަޅޭއްލަވައިގަތެވެ. ”އޭ ފޭލިގެތަކުގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުން ސަމާލުވާށެވެ. ޗޯރުކަލޭގެ އަތުވެއްޖެއެވެ. ތިޔަބައިމީހުން ހައްޔަރުކޮށް ބަނދުކޮށްފައި ތިބޭ މީހުން ވަގަށް އުފުލައިގެން ގެންދާމީހާ މިހިރީއެވެ.“
ފަހެ މިކަނބުލޭގެ ހަރުއަޑުން ހަޅޭއްލަވަން ފެށުމުން ފޭލިގެތަކުގައި ނިދާފައި ތިބި މީސްތަކުން ހޭލައިގެން އެކަލޭގެފާނާ ދިމާކޮށްލިއެވެ. އަދި އެކަލޭގެފާނު އަތުލައިގަތުމަށްޓަކައި މުޝްރިކުންގެ އަށް މީހުން އެކަލޭގެފާނު ފަހަތްޕުޅުން ދުއްވައިގަތެވެ.
ނަމަވެސް އެކަލޭގެފާނު އެބައިމީހުންނަށް ވުރެ ކުރިން ދުވެފައި ވަޑައިގެން ”އަލް ޚަންދަމާ“ އެވެ ކިޔުނު ފަރުބަދަޔާ ހަމަޔަށް ވަޑައިގެން އެތާނގައިވާ ހޮހަޅައަކަށް ވަދެވަޑައިގެން ފިލާވަޑައިގަތެވެ. އެމީހުންވެސް އެކަލޭގެފާނު ފަހަތްޕުޅުން ދުވަމުން ގޮސް ހޮހަޅައާ ހަމަޔަށް ދިޔައެވެ. ކަނޑިތައް އުރައިން ދަމައިގެން ތިބެ އެތައް އިރަކު އެ ސަރަހައްދު ހޯދައި ބެލިއެވެ.
އެންމެފަހުން ހޯދަމުން ހޯދަމުންގޮސް ހޮހަޅަ ކައިރިވެސް ބެލިއެވެ. އަދި ހޮހަޅަ ކައިރީގައި އެކަލޭގެފާނު އިސްތަށިފުޅާ ދިމާލަށް ހުއްޓިގެން ތިބެ ކުޑަކަމުވެސް ދިޔައެވެ. ނަމަވެސް ބުރައިގެންދިޔަ ތިކިތައް އެކަލޭގެފާނުގެ މޫނުފުޅަށް އެޅެމުންދިޔަ އިރުވެސް ކެތްތެރިކަމާ އެކު އޮންނެވިއެވެ. އަރަހުށި މާތްﷲ އެބައިމީހުންގެ ކިބައިން އެކަލޭގެފާނު ރައްކައުތެރި ކުރެއްވިއެވެ. އެއަށްފަހު އެބައިމީހުން ހޯދައި ހޯދައި ނުފެނުމުން އެނބުރި ހިނގައްޖެއެވެ.
ދެންފަހެ އެބައިމީހުން އެނބުރި ދިޔުމުން އެކަލޭގެފާނު ހޮހަޅައިން ނިކުމެވަޑައިގަތެވެ. އަދި އަނެއްކާވެސް މައްކާއަށް އަރާވަޑައިގަތެވެ. އޭރު މައްކާގެ އަހުލުވެރިން ހޭލައި ސަމާލުވެ ތިބޭނެކަން ޚުދު އެކަލޭގެފާނު ދެނެވަޑައިގަންނަވައެވެ. އެހެންނަމަވެސް މާތްނަބިއްޔާ ހަވާލުކުރައްވަވާ މަސައްކަތްޕުޅުތަކަކީ އަމިއްލަ ނަފްސު ޤުރުބާން ކޮށްލެއްވުމަށް ވުރެވެސް އެބޭކަލުންގެ އަރިހުގައި ލޮބުވެތިކަން ބޮޑު ކަންކަމެވެ.
އެގޮތުން އަލުން މައްކާއަށް އަރާވަޑައިގަނެ އައުސްވަންހައިގެ ޤައިދީއަކު ކޮނޑުފުޅަށް ލައްވައިގެން ދުވެވަޑައިގަތެވެ. ނަމަވެސް އެޤައިދީ އަކީ ބަރު ބޭކަލެއް ކަމުން ތަޒުޚަރުއެވެ ކިޔުނު ހިސާބަށް ވަޑައިގަނެވުނު އިރު މަރުޘަދު ހުންނެވީ ވަރަށް ބޮޑަށް ވަރުބަލިފުޅުވެފައެވެ. އެހެންކަމުން ކޮނޑުފުޅުން އެމީހާ ބާލުއްވައި އޭނާގެ ގައިގައި އަޅާފައިވާ ކަސްތޮޅުތައް މޮއްސަވައިލެއްވިއެވެ. ދެން ދެ ބޭކަލުން އެކީ މަދީނާއަށް ވަޑައިގެންނެވިއެވެ.
ކޮންމެއަކަސް އަނާގުއެވެ ކިޔުނު ކަސްބީ އަންހެނާއަކީ މަރުޘާދުގެ ކުރީގެ ލޯބިވެރިޔާ ކަމުން އެކަލޭގެފާނުގެ ހިތްޕުޅުގައި އެކަނބުލޭގެއަށް ޚާއްޞަ މަޤާމެއް ދެވިފައިވެއެވެ. އެހެންކަމުން އެކަލޭގެފާނު އެކަނބުލޭގެޔާ ކައިވެނިފުޅު ބައްލަވައިގަތުމާމެދުގައި ނަބިއްޔާގެ އަރިހުގައި ދެންނެވިއެވެ. އެހިނދު މާތް ނަބިއްޔާއަށްވެސް އެކަނބުލޭގެއަކީ ކާކުކަން އެނގިވަޑައިގަތެވެ. ނަމަވެސް އެކަމާމެދު އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނު އިންނެވިއެވެ. މަރުޘާދު ދެވަނަ ފަހަރަށްވެސް ނަބިއްޔާގެ އަރިހުގައި ދެންނެވިއެވެ. ނަމަވެސް އެކަލޭގެފާނު އެއްވެސް އެއްޗެއް ވިދާޅުނުވިއެވެ. އެހެން އިންނަވަނިކޮށް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އައްނޫރު ސޫރަތުގެ ތިންވަނަ އާޔަތް ބާވައިލެއްވިއެވެ.
الزَّانِي لَا يَنكِحُ إِلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنكِحُهَا إِلَّا زَانٍ أَوْ مُشْرِكٌ ۚ وَحُرِّمَ ذَٰلِكَ عَلَى الْمُؤْمِنِينَ މާނައީ:- ޒިނޭކުރާ ފިރިހެނާ، ޒިނޭކުރާ އަންހެނަކާ، ނުވަތަ شريك ކުރާ އަންހެނަކާ ނޫނީ ނުއިންނާނެތެވެ. އަދި ޒިނޭކުރާ އަންހެނާ (ދަންނާށެވެ!) ޒިނޭކުރާ ފިރިހެނަކު ނުވަތަ شريك ކުރާ ފިރިހެނަކު ނޫނީ އެކަނބުލޭގެއަކާ ނުއިންނާނެތެވެ. އަދި مؤمنންގެ މައްޗަށް އެކަން حرام ކުރައްވާފައިވެއެވެ.
މިއާޔަތް ބާވައިލެއްވުމާއެކު މާތްނަބިއްޔާ ވިދާޅުވިއެވެ. ”އޭމަރުޘާދުއެވެ. ޒިނޭކޮށް އުޅޭ އަންހެނަކާ ކައިވެނިކޮށް އުޅޭނީ ޒިނޭ ކުރާ ފިރިހެނެކެވެ. ނުވަތަ މުޝްރިކެކެވެ. ތިޔަކަންތައް ދޫކޮށްލައްވާށެވެ.“ އެހިނދު މަރުޘާދު ވަގުތުން އެޚިޔާލު ދޫކޮށްލެއްވިއެވެ.
އިބުރަތް:- މިވާހަކައިން އަޅުގަނޑުމެންނަށް ވަރަށް ގިނަގުނަ އިބުރަތް ލިއްބައިދެއެވެ. އެގޮތުން ނުރަނގަޅު ރައްޓެހިންދޭ ދައުވަތު ޤަބޫލު ނުކުރުމުގެ މުހިންމުކަމާއި އެބައިމީހުން ހެޔޮއެދޭކަން ދެއްކިނަމަވެސް އެންމެ ފަހުވަގުތު ހީލަތްހަދައި ކިތަންމެ ބޮޑު ގެއްލުމެއް ދޭންވެސް މަސައްކަތްކޮށްފާނެ ކަމެވެ. އަދި ސަހާބީ ބޭކަލުން އިސްލާމްދީނާއި މުސްލިމުންނަށްޓަކައި ވެވަޑައިގެންފައިވާ މަތިވެރި ޤުރުބާނީއާއި މާތްﷲ ސުބުޙާނަހޫ ވަތައާލާގެ މަގުގައި މަސައްކަތްކުރާ މީހުންނަށް އެކަލާނގެ ހިމާޔަތާއި ރައްކައުތެރިކަން ދެއްވާނެކަމެވެ. މީގެ އިތުރުން މާތް ނަބިއްޔާގެ ބަސްފުޅުތަކުގެ އަލީގައި ދިރިއުޅުން ބައްޓަން ކުރުމުގެ މުހިންމުކަމާއި އިއްފަތްތެރި އަނބީން އިޚްތިޔާރުކުރުމުގެ މުހިންމު ކަމެވެ.
އޭލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިއީ މާތްނަބިއްޔާގެ އެންމެ ބަސްފުޅަކަށްޓަކައި ސަހާބީއަކު އަމަލުކުރެއްވި ގޮތެވެ. އެބޭކަލުން ވަނީ އިސްލާމް ދީނާއި މާތް ނަބިއްޔާއަށްޓަކައި މިކަހަލަ އެތައް ޤުރުބާނީއެއް ވެވަޑައިގެންފައެވެ. އަމިއްލަ މައިންބަފައިންނާއި އަނބިދަރިން ދޫކޮށްލެއްވިއެވެ. އެކަމަކު މިއަދު އަޅުގަނޑުމެން ގާތުގައި އެކަލޭގެފާނަށް ބަދުބަސް ރައްދުކޮށް އެކަލޭގެފާނަށް ހަޖޫޖަހާ މީހުންނަކީ އެންމެ ލޮބުވެތިކަން ބޮޑު މީހުންނެވެ.
ދީނަށްޓަކައިވެސް އެފަދަ ބަޔަކު ދޫކޮށްލެވޭކަށް ނެތެވެ. އޭގެން މީހަކާ ދިމާލަށް މީހަކު ޗުޕްއޭވެސް ބުނެފި ނަމަ އެމީހަކާ ދިމާލަށް ހެއްދެވި ނެހެއްދެވި އަށް ގޮވައި އެފަދަ ލާދީނީ މީހުން ދިފާއުކުރެވެއެވެ. އިސްލާމް ދީނާއި މާތް ނަބިއްޔާއަށް ވުރެ އެބައިމީހުން މާމުހިންމެވެ. ވީއިރު އަޅުގަނޑުމެންގެ އިމާންކަމާއި އިސްލާމްކަން ފުރިހަމަވާނީ ކޮންފަދައަކުން ހެއްޔެވެ؟
ނިމުނީ











