ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން، ގދ. ފަރެސްމާތޮޑާ ފުލުހުން އިސްނަގައިގެން ކުލަގަދަ ކުޑަކުދިންގެ ހަވީރެއް، ފަރެސްމާތޮޑާގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި ޖުމްހޫރީ ދުވަހު ކުރިއަށް ގެންދިޔަ މި ހަވީރަކީ މުޖުތަމައު ހޭލުންތެރިކުރުވުމަށާއި، ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮންނަ އިތުބާރާއި ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރިއަށް ގެންދިޔަ ހަވީރެކެވެ.
ފުލުހުން ވިދާޅުވީ މި ހަވީރުގައި، އާއިލާތަކަށް އުފާވެރި މާހައުލެއް ފަހިކޮށްދިނުމާއެކު، ކުޑަކުދިންނަށް ހާއްސަ މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތަކާއި، ފުލުހުންގެ މަސައްކަތްތަކަށް އާންމުން ޝައުގުވެރިވާނެ ފަދަ މުހިންމު ހަރަކާތްތަކެއް މި ހަވީރުގައި ކުރިއަށް ގެންގޮސްފައިވާކަމުގައެވެ. އަދި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާއިލާތަކުގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި ހަވީރު ވެގެންދިޔައީ، ބައިވެރިންނަށް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދިން ފުރިހަމަ ހަރަކާތެއްގެ ގޮތުގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފަރެސްމާތޮޑާގެ މުއައްސަސާތަކާ ގުޅިގެން މިފަދަ ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަކީ، ޖަމުއިއްޔާތަކާއި ސަރުކާރުގެ އިދާރާތަކުގެ މެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ އަދި އެ ގުޅުން އިތުރަށް ހަރުދަނާވެގެންދިޔަ މުހިންމު ހަރަކާތެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ހަވީރު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ޔުނިސެފް މޯލްޑިވްސްއާއި، ފަރެސްމާތޮޑާ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ސިއްހީ މަރުކަޒާއި، ހުވަދޫ ސުކޫލު އަދި ފަރެސްމާތޮޑާ އެއާޕޯޓު މުވައްޒަފުން ވެދެއްވި އަގުހުރި އެއްބާރުލުމަށްޓަކައި ފަރެސްމާތޮޑާ ޕޮލިސްގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.









