ކޮވިޑް ވެކްސިން ޖެހުމަށް ދެކޮޅު ހަދާ މީހުންގެ ފޫކޮޅަށް ގަދަކަމުން ވެކްސިން ޖަހާނެ ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓަރޓޭ ވިދާޅުވެއްޖެއެވެ.
ފިލިޕީންސްގެ ރައީސް އެޤައުމުގެ ޓީވީއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހަން މަޖުބޫރު ކަމަށާއި ވެކްސިން ޖަހަން ބޭނުން ނޫން މީހުން އެޤައުމު ދޫކޮށ އިންޑިއާ ނޫނީ އެމެރިކާ ފަދަ ޤައުމަކަށް ދިޔުމަށް އެނާވަނީ ގޮވާލައްވާފައެވެ.
އަދި ވެކްސިން ނުޖަހާ މީހުންގެ ސަބަބުން ކޮވިޑް-19 ކޮންޓްރޯލެއްނެތި ފެތުރެމުންދާތީ ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުންގެ ފޫކޮޅަށް ގަދަކަމުންވެސް ވެކްސިން ޖަހާނެ ކަމަށް ރޮޑްރިގޯ ވިދާޅުވިއެވެ.
ރޮޑްރިގޯ އިތުރަށް ވިދާޅުވި ގޮތުގައި އެޤައުމުގައި ކޮވިޑް ވެކްސިން ނުޖަހާ މީހުންގެ ލިސްޓު އެޤައުމުގެ އަވަށްތަކުގެ ލީޑަރުންނަށް ވެސް އަންގާނެ ކަމަށާއި ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ހައްޔަރު ވެސް ކުރާނެ ކަމަށެވެ.
ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުޓަރޓޭއަކީ ހަރުކަށި އުސޫލުތަކެއްގެ ވެރިއެކެވެ. އެހެންކަމުން ކޮވިޑް އިން ރައްކާތެރިވުމަށް އެޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ތަބާނުވެ ޤަވައިދާ ޚިލާފަށް ނުކުމެ އުޅޭމީހުުން މަރާލާނެކަމަށް ރޮޑްރިގޯ ވަނީ އަމުރުކޮށްފައެވެ.
(އަލްޖަޒީރާ)









