Search Streamline Icon: https://streamlinehq.com

ނުރައްކާތެރި ބައްޔެއް ރާއްޖެއިން ފެނިއްޖެ

Covid

ކޮވިޑް19- އަށް ޕޮޒިޓިވްވި ބައެއް ކުޑަކުދިންގެ ހަށިގަނޑުން ފުރާނައަށް ނުރައްކައުވާ ފަދަ ނުރައްކާތެރިބައްޔެއް ރާއްޖެއިން ފެނިފައިވާކަމަށް ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ ޑރ.އަޙްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ޑޮކްޓަރ ޑރ.އަޙްމަދު ފައިސަލް ވިދާޅުވީ މި ބައްޔަކީ ބަލީގެ ސަބަބުން ހަށިގަނޑުގެ އެކި ގުނަވަންތައް ދުޅަވެ ފުރާނައަށް ނުރައްކާވާ ބައްޔެއްކަމުގައިވާ މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް އިން ޗިލްޑްރެން ”މިސްކް“ކިޔާ ބައްޔެއްކަމަށާއި، ރާއްޖެއިން ކޮވިޑް ޖެހުނު ބައެއް ކުޑަކުދިންގެ ހަށިގަނޑުން މި ބަލި ފެނިފައި ވާކަމަށްވެސް ޑރ. ފައިސަލް ވިދާޅުވި އެވެ.

ޑރ. ފައިސަލް ކުރެއްވި ޓްވީތް އެއްގައި ވިދާޅުވެފައިވަނީ ކޮވިޑުގެ ރާޅަށްފަހު ’މިސްކް‘ ޖެހިގެން އަންނަ ކުދިން ފެންނަން ފަށައިފިކަމުގައެވެ. އަދި ބަލީގެ ތެރޭގަޔާ ބަލިން ރަނގަޅުވެ 2 ހަފްތާފަހުން އަންނަ ކުދިންވެސް އެބައުޅޭކަމަށާއި، ގަދަހުމާއެކު ކަރުގަޔާ ގައިގާ ރިއްސުމާ ހޮޑުލުން ލޭގެ ޕުރެޝަރ ދަށްވުންފަދަ ތަފާތު ޢަލާމާތްތައް އެބަފެންނަކަމަށްވެސް ޑރ. ފައިސަލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މިބައްޔަކީ ފުރާނައަށް ނުރައްކާވާފަދަ ބައްޔެއް ކަމަށާއި، މިބަލީގައި ބޮޑުވާރުވާ ކުދިންގެ ސިކުނޑިއާއި، ކިޑްނީއާއި، ލޮލާއި، ހިތް ފަދަ ގުނަވަންތައް މިބަލީގެ ސަބަބުން ދުޅަވެ ނުރައްކާތެރި ޙާލަތަށް ކުއްޖާ ހިނގައިދާނެ ކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ.

ޑރ.ފައިސަލް ވިދާޅުވީ ’މިސްކް’އަކީ ހަށިގަނޑުގެ ކޮންމެވެސް ދެ ގުނަވަނެއް ޝާމިލުވެގެން ޖެހޭ ބައްޔެއްކަމުގަ އެވެ. އަދި މި ބަލީގައި ހަށިގަނޑުގެ ކޮންމެވެސް ދެގުނަވަނެއް، މިސާލަކަށް ހިތާއި ފުއްޕާމޭ ނުވަތަ ސިކުނޑިއާއި ކިޑްނީ މިފަދައިން ދެގުނަވަނެއްގެ ޙިއްޞާއާއެކު ބަލިޖެހުމަށް މެދުވެރިވާތީ މި ބައްޔަށް ’މަލްޓިސިސްޓަމް ސިންޑްރޯމް‘ ނަމުން ނަން ދެވިފައިވާކަމަށްވެސް ޑޮކްޓަރ ވިދާޅުވި އެވެ.

ކޯވިޑް ބަލިޖެހުމަށްފަހު 2 ހަފްތާފަހުންވެސް މިބަލީގެ އަލާމާތްތައް ފެންނަން ފަށައެވެ. އެގޮތުން ގަދަޔަށް ކަރުގައި ރިއްސުމާއި، އުކުޅުވަޅަށް ތަދުވުމާއި، 39-40 ޑިގްރީއަށް ހުން ގަދަވުމާއި، ބޭރަށް ހިންގުން ފަދަ އަލާމާތްތައް ބަލީގެ ކުރީކޮޅު ފެންނަމުންދާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

”ކޮވިޑަށްފަހު ޢާއްމުކޮށް 2 ހަފްތާވަރުފަހުން ޢަލާމާތްތައް؛ ކަރުގަ ރިއްސަންފެށިގޮތަށް ގުޑާނުލެވޭވަރަށް ތަދުވުން އުކުޅުވަޅާ ސުކުރޯޓަމަށް ތަދުވުން ހުންގަދަވިގޮތަށް މަޑުނުވުން، ވަރަށް ހުންގަދަ 39-40 ޑިގުރީއާދެމެދު ބަނޑުގައިރިއްސާ ހޮޑުލުން، ބޭރަށްހިންގުން ލޭގެ ޕުރެޝަރ ދަށްވުން“ ޑރ. އަޙްމަދު ފައިސަލް ވިދާޅުވި އެވެ.

ޑރ ފައިސަލް ވިދާޅުވީ މިސްކަކީ ނުރައްކާތެރި ބައްޔެއްކަމަށާއި، މިބަލިން ރައްކާތެރިވުމަށް އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ ކޮވިޑުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ކަމުގައެވެ.

މިސްކް އިން ރައްކާތެރިވުމަށްޓަކައި ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހައި ފިޔަވަޅެއް އެޅުމަށް ޑރ. ފައިސަލްވަނީ އިރުޝާދުދެއްވާފަ އެވެ.

ފައިސަލް ވިދާޅުވީ މި ބަލިޖެހުމާއިއެކު ބަލިޖެހޭ ކުދިންނަށް ގިނައިން ދިޔާއެއްޗެހި ދިނުމާއި، ދިޔާއެއްޗެހި ދޭއިރު އެއްފަހަރާ ގިނައިންނުދީ މަދުމަދުން ދިނުމަށްވެސް ފައިސަލް އިލްތިމާސް ކުރެއްވި އެވެ. އަދި ބަލީގެ ބާވަތާއި، ބަލި ދެނެގަންނާނެ ގޮތާއި، ޢަލާމާތްތައް ބަލީގެ ކުރީކޮޅުގައި ފާހަގަކޮށް ފަރުވާ ހޯދުމަށް އަވަސްވެގަތުމަކީ ވަރަށް މުހިންމު ކަމެއްކަމުގައިވެސް ޑރ. އަޙްމަދު ފައިސަލް އިލްތިމާސްކުރެއްވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *