ބޭންކް އޮފް މޯލްޑިވެސް މެދުވެރިކޮށް ސަރުކާރުން މިހާރު ތައާރަފްކޮށްފައިވާ ލުއި ލޯން ސްކީމަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ އިންޓްރެސްޓް ރޭޓު ކުޑަކޮށް ދޫކޮށްފައިވާ ލޯން ސްކީމްތަކެއް ކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ ކޮވިޑް-19 ގެ މިހާލަތުން ރައްޔިތުން އަރައިގަތުމުގައި އެހީވުމަށް މިފަހަރު ގާތްގަނޑަކަށް 375 މިލިއަން ރުފިޔާގެ ރިލީފް ލޯންތަކެއް ދޫކުރުމަށް ނިންމާފައިވާކަމަށާއި މިލޯންތަކަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ އިންޓްރެސްޓް ރޭޓުތައް ކުޑަކޮށް ދޫކޮށްފައިވާ ލޯންތައްކަމަށެވެ.
ގްރޭސް ޕީރިއެޑް ގާތްގަނޑަކަށް އެއް އަހަރު ދުވަހަށް ދޭ މިލޯންތަކަކީ މިހާރު އެކި ބޭންކުތަކުން ދޫކުރާ ލޯންތަކާ އަޅާބަލާއިރު ކޯސްޓް އޮފް ބޮރޮވިންގ ދަށް ލޯނެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”މިހާރުގެ ލޮކްޑައުންއާ ގުޅިގެން މިވަނީ އިތުރު ރިލީފް ޕެކެޖްތަކެއް އިއުލާން ކޮށްފައި. މީގެ ތެރޭގައި ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސްގައި ކުރިންވެސް 20 މިލިއަން ޔޫރޯގެ ޕެކެޖްތަކެއް އިއުލާން ކުރިން. މިފަހަރުވެސް ގާތްގަނޑަކަށް 375 މިލިއަން ރުފިޔާގެ ރިލީފް ލޯންތަކެއް ބީ.އެމް.އެލް މެދުވެރިކޮށް ވަނީ އިއުލާން ކޮށްފައި. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ނުދެކޭވަރުގެ އިންޓްރެސްޓް ރޭޓްވެސް ވަރަށް ކުޑަ ވަރަށް ލުއި ލޯނެއް.“ މިނިސްޓަރ ވިދާޅުވިއެވެ.
މިފަދަ ލޯންތައް ސަރުކާރުން ތައާރަފް ކުރުމުގެ ބޭނުމަކީ ރާއްޖޭގެ އިޤްތިސާދު ދަށްވެފައިވާ މިހާލަތުގައި ރައްޔިތުންނަށް ލިބޭ މާލީ ގެއްލުންތަކުން އަރައިގަތުމަށްޓަކައެވެ. އެގޮތުން ސަރުކާރުން އަންނަނީ ސްޓިމިއުލަސް ޕެކޭޖުތަކާއި އެކި ސްކީމްތަކުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާތަނަށް ރިލީފް ލޯނުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.









