Search Streamline Icon: https://streamlinehq.com

”ނަފުރަތުގެ ބިލު“ ނުނިމޭނަމަ މުޅި ދައުލަތް ހުއްޓޭހެން އުޅެންޖެހޭ ސަބަބެއް ނުވިސްނޭ: ޢަލީ ޙުސައިން

5hkZWALj33E2XySCCTE8rVGQGE1NLN35y9G9yszJ

”ނަފްރަތު“ ގެ ޢަމަލުތައް ކުށަކަށް ހެދުމުގެ ބޭނުމުގައި ކަމަށް ބުނެވިގެން ސަރުކާރުން މަޖްލީހަށް ހުށައަޅުއްވާފައިވާ ބިލުގެ މަސައްކަތް ނުނިންމޭނަމަ މުޅި ދައުލަތް ހުއްޓުމަކަށް އަންނަނީ ކަމަށް ހީވާކަހަލަ ގޮތަކަށް އުޅޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާކަމަށް މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޤާނޫނީ ފަންނުގެވެސް ބޭފުޅެއްކަމުގައިވާ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން މިފަދައިން ވިދާޅުވެފައި މިވަނީ، މިބިލު ދިރާސާކުރައްވަމުން ގެންދަވާ ޖުޑީޝަރީ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވުން ނެވެ.

”ޖުޑީޝަރީ ކޮމިޓީގަ އެބަހުރި ވަރަށް މުހިންމު ބިލުތަކެއް. ވަކިން ޚާއްޞަކޮށް އަޅުގަނޑު ފާހަގަކޮއްލަން ބޭނުން، މި މަދަނީ އިޖުރާއާތުގެ ބިލު އެބޮތް. އޭގެ ކުރިންވެސް އައިސްފައިހުރި ބިލުތައް އެބަހުރި. މަސައްކަތްތައްވެސް އެބަހުރި. ހުއްޓަ މި ބިލު، ހަމަ އިސްކަންދޭ ތަރުތީބުގެ އެންމެކުރިއަށް އައިސްގެން ދައުލަތް ހުއްޓެނީހެން ހީވާކަހަލަ ގޮތަކަށް، މި ބިލު ނުނިންމައިފިއްޔާ މުޅި ދައުލަތް ހުއްޓުމަކަށް އަންނާނެކަހަލަ ޞިފައެއް ފެނިގެން، މި ބިލު ހަމަ ކޮންމެހެނެއްހަދާފަ އެހާ އަވަސްއަރުވައިގެން ނިންމަން އުޅެންޖެހޭ ސަބަބެއް އަޅުގަނޑަށް އެއްވެސް ގޮތަކަށް ނުވިސްނޭތީ، އެއީ ކޮން ސަބަބަކާހެދިތޯ އެހާ އަވަހަށް މި ބިލު ނިންމަން މިއުޅެނީ އަޅުގަނޑު ހަމަ ސާފުކޮށްލަން ބޭނުން“

ރައްޔިތުންގެ މަޖިލިސް ޖުލައި މަހުގައި ރިސެސްއަށް ދިއުމުގެ ކުރިން މި ބިލުގެ މަސައްކަތް ނިންމަވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް ރޭގެ ކޮމިޓީ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުޤައްރިރު މެމްބަރު އިމްތިޔާޒް ފަޙްމީ ވިދާޅުވުމާއި ގުޅިގެން ޢަލީ ޙުސައިން ކަންބޮޑުވުން ފާޅުކުރައްވައި ސުވާލު އުފެއްދަވައި ވިދާޅުވެފައި ވެއެވެ.

އަނިޔާވެރިކަމަށް ހިތްވަރުލިއްބައިދޭ ނަފްރަތަތުގެ ޢަމަލުތައް ހުއްޓުވުމުގެ ބޭނުމުގައި ކަމަށް ބުނެވިގެން ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައިވާ މި ބިލާމެދު، ރާއްޖޭގެ 101 ދީނީ ޢިލްމުވެރިންނާއި 100 އަށްވުރެ ގިނަ ކައުންސިލްތަކާއި 500 އަށްވުރެ ގިނަ ކައުންސިލަރުންނާއި ފަތުވާ މަޖްލީހާއި އިސްލާމިކް މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުންވެސް ބޮޑެތި ކަންބޮޑުވުންތަކެއް ފާހަގަކޮށްފައި ވާއިރު، ޢާންމު ރައްޔިތުންގެ އެތަކެއް ހާސްބަޔަކު ގެންދަނީ މި ބިލު އަނބުރާ ގެނައުމަށް ގޮވާލައި އޮންލައިން ޕެޓިޝެނެއްގައި ސޮއިކުރަމުންވެސް މެއެވެ.

ކަމާއި ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުން ރަސްމީ ސިފައެއްގައި ކަންބޮޑު ފާޅުކޮށްފައިވާ އަދި ޢާންމު ރައްޔިތުންގެ ނުތަނަވަސްކަން ވެސް ބިލާމެދު އޮތްކަން ހާމަކޮށް ގިނަ ޚިޔާލުތަކެއް އެ ބިލަށް ހުށައެޅިފައި ވާކަން ކޮމިޓީގެ ބައްދަލުވުމުގައި ފާހަގަކުރެވިފައިވާ ”ނަފްރަތުގެ ބިލު“ ބޭރުކޮށްލުމަށް ކޮމިޓީ މަރްޙަލާގައި ރޭ ހުށައެޅުނު ހުށައެޅުންވެސް އެމްޑީޕީގެ މެމްބަރު ދެކޮޅުހެއްދެވުމާއެކު ފާސްވެފައި ނުވެއެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ސްޕަރ މެޖޯރިޓީ އޮންނަ ޖުޑީޝަރީ ކޮމިޓީ އިން ވަނީ މި ބިލާ ގުޅިގެން އެ ކޮމިޓީ އިން ކުރައްވާ އެންމެހައި މަސައްކަތައް، އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް އެއްކޮށް ނިންމެވުމަށްވެސް ރޭގެ ބައްދަލުވުމުގައި ފާސްކޮށްފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *