ޖޫން 21 ވަނަ ދުވަހުގެ ރޭ ރަހުމްކުޑަގޮތަކަށް މަރާލުމަށްފަހު އެއްލާލާފައި އޮތްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މި ހަފްތާގެ ތެރޭގައި އިންޑިއާއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިދިޔަ 20 ވަނަ ދުވަހު ކުއްޖަކު ގެއްލިގެން ފުލުހުންނަށް ހުށަހެޅުނު މައްސލައަކާއި ގުޅިގެން ފުލުހުން އެކުއްޖާ ހޯދަމުންދަނިކޮށް ވަރަށް ރަހުމުކުޑަ ގޮތަކަށް މަރާލުމަށްފަހު ފޮށްޓަކަށްލާފައި އެއްލާލާފައި އޮއްވާ ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެވެ. އެކުއްޖާ ފެނުނުއިރު ހަށިގަނޑުގައި ގިނަ ޒަޚަމްތަކެއް ހުރިކަމަށް ދުލުހުން ވަނީ ހާމަކޮށްފައެވެ.
ކުއްޖާގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުން އައި.ޖީ.އެމް.އެޗަށް ގެންގޮސް ބައެއް ޓެސްޓުތައް ވަނީ ހަދާފައެވެ. މި މަރުގެ ހަޤީޤަތް ހޯދާ، ކުއްޖާއަށް ލިބިފައިވާ ޒަޙަމްތައް ދެނެގަތުމަށް ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓް ހެދުމަށްޓަކައި މި ހަފްތާގެ ތެރޭގައި ޕޯސްޓްމޯޓަމް ހަދަން ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ މަޢުލޫމާތުދެއްވާފައެވެ.
މި މައްސަލައިގައި ފުލުހުން މިހާތަނަށް ވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. 27 އަހަރުގެ ފިރިހެން މީހާ ތަހުޤީޤު ނިމެންދެން ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައިވާއިރު 17 އަހަރުގެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށްގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ. އަދި މި މައްސަލައިގައި ތަޙްޤީގުގެ ބޭނުމަށް އެ ކުއްޖާ އުފުލިކަމަށް ޝައްކުކުރެވޭ ޓެކްސީއެއް ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ.









