Search Streamline Icon: https://streamlinehq.com

ރިލްވާން ގެއްލުނު މައްސަލައިގެ ރީނެކްޓްމެންޓް ވީޑިއޯއެއް އާއްމުކޮށްފި

201808asia maldives ahmedrilwan

ވީނުވީއެއް ނޭގި ގެއްލިފައިވާ މިއަދު ނޫހުގެ ނޫސްވެރިޔާ މ.ޝައިނިންގ ސްޓާރ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލަ އާއި ގުޅިގެން ރީނެކްޓްމެންޓް ވީޑިއޯއެއް ނުވަތަ ކުޅެފައިވާ ވީޑިއޯއެއް ރިޔާސީ ކޮމިޝަނުން މިއަދު އާއްމުކޮށްފިއެވެ.

ރިޔާސީ ކޮމިޝަނުން އާއްމުކުރި ވީޑިޔޯއިން ދައްކުވައިދެނީ ރިލްވާން ކާރަކަށް އެރުވި ވަގުތު ކަންހިނގި ގޮތް ކަމަށް ލަފާކުރެވޭ ގޮތެވެ. އަދި ރިލްވާން ގެއްލުނު ރޭ އޭނާއަށް ގެޔަށް ވަދެވޭނެ ކަމަށް ލަފާކުރެވެނީ ދަންވަރު 1.45 އެހާކަންހާއިރު ކަމަށް އެވީޑިޔޯގައި ބުނެފައިވެއެވެ. އޭރު އޭނާގެ ފްލެޓް ކައިރީގައި ރަތް ކާރެއް މަޑުކޮށްފައި އޮންނަ ކަމަށާއި ފްލެޓް ކައިރިއަށް ރިލްވާނަށް ދެވުމާއިއެކު ގަދަކަމުން އޭނާ ކާރަށް އަރުވާ މަންޒަރު ވީޑިއޯ އިން ދައްކައެވެ. ކާރަށް އޭނާ އެރުވި ވަގުތު އެކަން ކުރި މީހުންގެ އަތުން ވަޅިއެއް ވެއްޓުނު މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.

ވީޑިޔޯގައި ދައްކާގޮތުން 7 އޮގަސްޓު 2014 ވަނަ ދުވަހުގެ ރޭ ރޭގަނޑު 10 ޖަހާކަންހާއިރު ރިލްވާންގެ ސައިކަލުގެ ފަހަތުން ބަޔަކު އޭނައަށް ފާރަލަމުން ދިޔައެވެ. އެއަށް ފަހު ދައްކަނީ ހެންވޭރު ފުޓްސަލް ދަނޑު ކައިރިން އޭނާގެ ބައެއް އެކުވެރިންނާ ބައްދަލު ކުރާ މަންޒަރެވެ. އެރޭގެ ބައިބަލާ މުބާރާތުގެ ފައިނަލް މެޗް ބަލަން ހުރެފައި ރިލްވާން ޗައިނާ އެމްބަސީ ކައިރިން ލާފައި ދިޔަތަން ދައްކުވައިދެއެވެ.

ވީޑިޔޯގައި ބުނާގޮތުން ރިލްވާން ހުޅުމާލެ ދާން އެރީ މެންދަމު 1 ޖަހާއިރު އޮތް ފެރީއަށެވެ.

ވީޑިއޯގައި ރިޔާސީ ކޮމިޝަނުން ބުނެފައި ވަނީ 7 އޮގަސްޓް 2014 ވީ ބުރާސްފަތި ދުވަހުގެ ރޭ ރިލްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ހާދިސާއާއި ގުޅޭ މައުލޫމާތު އެނގޭނެ ބައެއްފަރާތްތައް އަދިވެސް އާންމުންގެ ތެރޭގައި ތިބެދާނެކަމަށް އެކޮމިޝަނުން ޤަބޫލުކުރާ ކަމަށާއި މައުލޫމާތު އެގޭ ފަރާތެއް ހުރިނަމަ އެމައުލޫމާތެއް ރިޔާސީ ކޮމިޝަނާއި ހިއްސާކުރަން އެކޮމިޝަނުން އެދިއްޖެއެވެ.

ރިލްވާންގެ މައްސަލައާއި ގުޅިގެން ޝަރީއަތަށް ސާބިތުކުރެވޭވަރުގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ފަސްލައްކަ ރުފިޔާ ދިނުމަށްވެސް ކޮމިޝަނުން މިހާރުވަނީ ހުށައަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *