ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ ރައްކައުތެރިކަމަށްޓަކައި ރާއްޖޭގައި އިއުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
ރާއްޖޭގައި އިއުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އޮތީ މިހިނގާ ޖުލައިމަހުގެ ތިނަވަނަދުވަހުގެ ނިޔަލަށް ހަމަވާ ގޮތަށެވެ. ނަމަވެސް އެމުއްދަތު މިވަނީ އަންނަ އޯގަސްޓް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ސޮއިކުރައްވައި އާއްމުކުރައްވާފައިވާ ޤަރާރުގައި ބުނެފައިވަނީ ރާއްޖޭގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، މިދިޔަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހު އިއުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތްކަމަށާއި އަދި ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޙާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލުކުރެވޭ ކަމަށް ލަފާދީފައިވާ ކަމުގައެވެ.
އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިޢުލާންކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަންނަ މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށްވެސް އެ ޤަރާރުގައި ބުނެފައިވެއެވެ.
ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުން ލޮކްޑައުންއާއިއެކު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މާލޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައިވާއިރު މާލެއިން މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދައްވަމުން ދާކަން ފާހަގަ ކުރެވެއެވެ.
އެޗްޕީއޭ އިން ހާމަކުރެއްވި ގޮތުގައި މިމަހުގެ ތިންވަނަދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވި 26 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 104 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 8 މީހަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނުން ޕޮޒިޓިވްވި ފަސް މީހެއް ކަމުގަ އެވެ.
މިހަމުގެ ތިންވަނަދުގަހު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 74،074 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 3359 ކަމަށްވާއިރު އޭގެތެރެއިން 23 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެއެވެ.
މި ބަލިން 70،490 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 213 މީހަކު ވަނީ ނިޔާވެފައެވެ.









