ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކުރެވިފައިވާ ފްލެޓްތަކަށް ގުރުއަތުން ހޮވުނުކަމަށްބުނެ ފޭކްކޯލްތައް ކުރަމުން ގެންދާކަމަށާއި އެކޯލްތަކަށް ސަމާލުވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީއިން ވިދާޅުވާ ގޮތުގައި ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކަށް ފުލެޓު ގުރުއަތުން ލިބޭ ފުލެޓް ކަނޑައެޅުމަށްފަހު ބާކީ ހުރި ފުލެޓުތަކަށް ހޮވިފައިވާކަމަށް ބުނެ އެކުންފުނީގެ ނަމުގައި ފޭކުކޯލްތައް ކުރަމުންގެންދާ ކަމަށާއި ފުލެޓާއި ބެހޭ އެއްވެސް ކަމެއްގައި އެ ކުންފުނިން ފޯނު މެދުވެރިކޮށް ގުޅަމުން ނުގެންދާނެއެވެ.
ފްލެޓްތައް ކަނޑައެޅުމުގައި އެކޯޕަރޭޝަނުން އަމަލުކުރަމުންދާ އުސޫލުގެ ދަށުން ގުރުއަތު ނެގުން ހަމަޖެހިފައިވާ ތާރީޚާއި އެދުވަހެއްގެ ގުރުއަތުގައި ފުލެޓު ކަނޑައެޅޭނެ ފަރާތްތައް ހިމެނޭ ލިސްޓު އެންމެ ފުރަތަމަ އާއްމުކޮށް އިއުލާންކުރާނީއެވެ. އަދި ގުރުއަތު ނެގުން ކުރިޔަށް ގެންދަނީ ޓީ.ވީގެ ޒަރިއްޔާއިން ލައިވްކޮށްކަމަށްވެސް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ފްލެޓްތަކުގެ ތަފްސީލް ނުވަތަ ފްލެޓްތަކާ ބެހޭ މައުލޫމާތުތައް ހިއްސާކުރަން ފޯނުން ނުގުޅާނެ ކަމަށާއި އެކޯޕަރޭޝަނުގެ މީސްމީޑިޔާ ޕޭޖުތައް ބޭނުންކޮށްގެން އެމައުލޫމާތު ހިއްސާކުރެވޭނެކަމަށް އެކޯޕަރޭޝަނުން ވަނީ އަންގާފައެވެ. އެހެންކަމުން މިފަދަ ފޭކު ކޯލުތަކަށް ރައްޔިތުން ސަމާލުވެ ތިބުމަށް އެޗްޑީސީން އިލްތިމާސްކުރެއެވެ.
ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުނެގުމާއި އެގްރީމެންޓްތަކުގައި ސޮއިކުރުން އަދި ތަޅުދަނޑި ހަވާލުކުރުން އަންނަ ބުދަ ދުވަހު ފަށާނެކަމަށް އެޗްޑީސީން ވަނީ މީޑިޔާއަށް މައުލޫމާތުދީފައެވެ.









