ރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އިއުލާންކުރައްވާފައިވާ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 17ވަނަ ދުވަސް ކަމަށް ބީއެމްއެލުން ވިދާޅުވެއްޖެއެވެ.
މިއަހަރު މެއި މަހު 27 ވަނަ ދުވަހު ސަރުކާރުން އިއުލާންކޮށްފައިވާ އިކޮނޮމިކްސް ސްޓިމިއުލަސް ލޯނަކީ ބީ.އެމް.އެލް މެދުވެރިކޮށް ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ތަޢާރަފްކޮށްފައިވާ ލޯން ސްކީމެކެވެ.
ބީ.އެމް.އެލް އިން ވިދާޅުވި ގޮތުގައި މިލޯން ދޫކުރަމުންދާނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން ކަމަށާއި ލޯނަށް އެދުމުގެ އެންމެ ފަހު ތާރީޚަކީ މިމަހު 17 ވަނަ ދުވަސްކަމުގައެވެ.
މިހާތަނަށް ގިނަ އަދަދެއްގެ ބޭފުޅުން މިލޯލަށް އެދި ހުށަހަޅާފައެވެ. މިއެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށްފަހު މިފަންޑުގައި ބާކީ ފައިސާ ހުރެއްޖެނަމަ އަލުން ލޯނަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެސް ބީއެމްއެލުން ވިދާޅުވެއެވެ.
ރަހުނަކާނުލާ 10 މިލިޔަން ރުފިޔާއާ ހަމަޔަށް ދޫކުރާ މިލޯނު އަބުރާ ދެއްކުމަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް ޕީރިއެޑެއް ލިބިގެންދާނެއެވެ. މިލޯނު ސްކީމަކީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ތައާރަފް ކުރި ސްކީމެކެވެ.









