މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި މީހަކަށް ކުއްލި ޞިއްޙީ މައްސަލައެއް ދިމާވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދެއްވައިފިއެވެ.
އެމްއެންޑިއެފް އިން ވިދާޅުވީ މިހާދިސާގެ މަޢުލޫމާތު މިއަދު މެންދުރު 12:00 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުމާއެކު ހދ. ކުޅުދުއްފުށީ ސީ އެމްބިއުލާންސް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައި ކަމުގައެވެ.
މި ހާދިސާގައި އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ހއ. ގައްލަންދޫ ކަނޑުގައި މަސްވެރިކަން ކުރަމުންދިޔަ ”ޢަޒުމް“ ނަމަކަށް ކިޔާ ދޯނީގައި ހުރި އުމުުރުން 49 އަހަރު ދިވެހި ފިރިހެނަކަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކާމާއެކު އެމީހާ ހދ. ކުޅުދުއްފުއްޓަށް ސީ އެމްބިއުލާންސްގައި ގެންދެވިފައި ވަނީ މިއަދު މެންދުރު ފަހު 13:33 ހާއިރުއެވެ. އަދި އެމީހާ މިހާރު ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާދޭން ފަށާފައެވެ.









