ޖޫން މަހުގެ ނިޔަލަށް ކަރަންޓު އަދި ފެން ބިލްތަކުން މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބްތަކަށް ބަލާލާއިރު ޖޫން މަހުގެ ނިޔަލަށް ކަރަންޓު ބިލް ތަކުން 146.7 މިލިއަން ރުފިޔާ އަދި ފެން ބިލް ތަކުން 26 މިލިއަން ރުފިޔާގެ ޑިސްކައުންޓް ވަނީ ދީފައެވެ.
އެގޮތުން ބަލާލާއިރު 276,203 ގޭބީސީއެއްގެ ކަރަންޓު ބިލަށް ޑިސްކައުންޓް ދީފައިވާއިރު 110,966 ގޭބީސީއެއްގެ ފެން ބިލަށް ވަނީ ޑިސްކައުންޓް ދީފައެވެ.
މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ހުރިހާ ރަށެއްގެ ފެންބިލާއި ކަރަންޓު ބިލަށް ލުއިދޭން ނިންމުމާއި ގުޅިގެން، ރާއްޖޭގެ ހުރިހާ ރަށެއްގެ ފެންބިލުން 30 އިންސައްތައިގެ ޑިސްކައުންޓެއް، ވިޔަފާރިތަކުގެ ފެންބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ވަނީ ދެއްވާފައެވެ. އާންމު ގޭބިސީތަކުގެ ކަރަންޓު ބިލުން 40 އިންސައްތައިގެ ޑިސްކައުންޓެއް ދެއްވާފައިވާއިރު، ވިޔަފާރިތަކަށް 20 އިންސައްތައިގެ ޑިސްކައުންޓެއް ދެއްވާފައިވެއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ބައެއް މީހުންގެ ވަޒީފާތައް ގެއްލުމުގެ ސަބަބުން ދިރިއުޅުމުގައި ދިމާވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުންދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އެގޮތުން ކަރަންޓު ބިލާއި ފެންބިލުން ބޮޑެތި ޑިސްކައުންޓްތައްދީ އެކި މަސް މަހަށް ބަހާލައިގެން ކަރަންޓް ބިލް ދެއްކުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.









