އަންނަ އޮގަސްޓު 7 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިންތިޚާބަށް ވޯޓުލުމަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.
މިއިންތިޚާބުގައި ވޯޓުލާން ރީރެޖިސްޓްރީކުރުން ކުރިޔަށްދާނީ އޮންލައިންކޮށެވެ. މިއީ ރާއްޖޭގައި އޮންލައިންކޮށް ރަޖިސްޓްރޭޝަން ހަދަން ހުޅުވާލި ފުރަތަމަ ފަހަރެވެ.
އޮންލައިންކޮށް ރަޖިސްޓްރީވުމުގެ އެންމެ ފަހުތާރީޚަކީ 2021 ޖުލައި 22 ވާ ބުރާސްފަތި ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން 2021 ޖުލައި 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށް ކަމަށާއި މި ފުރުޞަތުގައި ރަޖިސްޓަރީ ވުމަށް ހުޅުވާލާފައިވަނީ ނޮޅިވަރަން، ކެނދިކުޅުދޫ ކ. ދިއްފުށި އަދި ފެރިދޫ، ރައްޔިތުން އެކަނިކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެފައިވެއެވެ.
ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ- ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ.
މިދިޔަ އޭޕްރީލްމަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި، އިންތިޚާބުނުކުރެވި ހުރި 10 ދާއިރާއަށް ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ވޯޓުލުން އަންނަ އޮގަސްޓުމަހު 7 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން ބައެއް ދާއިރާތަކަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލި ދާއިރާތަކުގައި ވަނީ އިންތިޚާބަކާއި ނުލައި، ކުރިމަތިލި މީހާ އިންތިޚާބު ވެފައެވެ. މިގޮތަށް އިންތިޚާބު ވެފައިވަނީ ލ.މާބައިދޫ އާއި، ހދ.ނޭކުރަންދުއެވެ.









