އިންޓަރނެޓްގެ ޚިދުމަތް ރަނގަޅުކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްގެ ދަށުން އިންޓަރނެޓާއި ގުޅޭ ޝަކުވާ ހުށަހަޅަން ސަރުކާރުގެ ފަރާތުން ހާއްސަ ނަންބަރެއް ތައާރަފްކޮށްފިއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވިގޮތުގައި ސަރުކާރުން އިންޓަރނެޓްގެ އަގު ހެޔޮކުރުމަށް ހިންގާ ޕްރޮގްރާމް ”ނެޓްހެޔޮ“ ގެ ބޭނުމަކީ އިންޓަނެޓްގެ ހިދުމަތް ހުރިހާ ގޮތަކުން ވެސް ރަގަޅުކުރުން ކަމަށާއި، ސަރުކާރުން ގެނައި ބަދަލާ އެއްގޮތަކަށް އިންޓަނެޓްގެ ހިދުމަތް ނުލިބޭނަމަ ޝަކުވާ ހުށަހަޅަން ހާއްސަ ނަންބަރެއް މިހާރު ވަނީ އާންމުކޮށްފައި ކަމަށެވެ. އަދި މި ހޮޓްލައިންއާއެކު އެ މިނިސްޓްރީގެ އަމާޒަކީ އިންޓަނެޓު ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުވުން ކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެގޮތުން އިންޓަނެޓާ މެދު ޝަކުވާ ހުށަހަޅަން އެ މިނިސްޓްރީން ތައާރަފްކުރި ހޮޓްލައިން ނަންބަރަކީ ”1515“ އެވެ.
ރާއްޖޭގެ އިންޓަނެޓްގެ އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅަކަށްވެފައި މިއަހަރު މެއި މަހު 27 ވަނަ ދުވަހު މިވަނީ އިންޓަނެޓްގެ އަގުތަކަށް ބަދަލު ގެނެސް އަގުހެޔޮކޮށްފައެވެ.









