މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގައި ފުލުހުން މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ތަހުޤީގަށް ހާޒިރުވުމަށް އަންގައި އިއުލާންކޮށްފައިވާ ކަމަށެވެ.
އެގޮތުން ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަން އިއުލާންކޮށްފައިވަނީ ހއ. ބާރަށް، ކޭސީވިލާ، އިބްރާހީމް ރަޝީދު (36އ) އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އިބްރާހިމް ރަޝީދުގެ މައްޗަށް ކުރެވެނީ ޖޫން 05 ވަނަ ދުވަހުގެ ވަގުތެއްގައި 7233204 ނަންބަރުން މީހަކަށް ގުޅައި މަކަރާއި ހީލަތުން 60،186/68ރ ހޯދާފައިވާކަމަށް ތުހުމަތެވެ.
އެހެންކަމުން 2021 އޯގަސްޓް 08 ވަނަ ދުވަހުގެ 16:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވުމަށް ފުލުހުން ވަނީ އިބްރާހިމް ރަޝީދަށް އަންގާ އިއުލާންކޮށްފައެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް، އެކި ސްކޭމްތަކުން މަކަރާއި ހީލަތުން މީހުންގެ އަތުން 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތުލާފައިވެއެވެ.









